އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން ފަލަސްތީންގެ އަޤުޞާ މިސްކިތުގެ ތެރެއަށް ވަދެ ފަލަސްތީން މީހުންނަށް އަނިޔާކޮށް، މިސްކިތުގެ ހުރުމަތް ކަނޑަމުން ގެންދާތީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދޮގާން އިސްރާއީލަށް އިންޒާރު ދެއްވައިފިއެވެ.

ތުރުކީވިލާތުގެ ރައީސް އުރުދޮގާން ވަނީ އިސްރާއީލްގެ ރައީސް އިސާކް ހެރަޒޮގް އަށް ފޯނުކޮށް އިސްރާއީލުން އަޤުޞާ މިސްކިތުގައި ހިންގަމުން ގެންދާ ޖަރީމާތަކާއި ތުރުކީވިލާތުން ދެކޮޅުކަން ރަސްމީކޮށް އަންގާފައެވެ. އަދި ހަމަނުޖެހުންތަކަށް މަގުފަހި ނުކުރުމަށާއި މުސްލިމުންނަށް އަޤުޞާ މިސްކިތުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ވެސް އުރުދޮގާން ވަނީ އިސްރާއީލްގެ ރައީސް އަށް ދަންވާފައެވެ.

އަޤުޞާ މިސްކިތުގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ތުރުކީވިލާތުން ކުށްވެރި މިކުރީ އިސްރާއީލާއި ތުރުކީވިލާތުން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކޮންމެވެސް ވަރަކަށް ކުރިއަށް ގޮސްފައި ވަނިކޮށެވެ. އަންނަ މެއި މަހު ތުރުކީވިލާތުގެ ހާރިޖީ ވަޒީރު އިސްރާއީލަށް ވަޑައިގެން އިސްރާއީލްގައި ތުރުކީވިލާތުގެ ސަފީރެއް ބެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ވެސް ކުރިން އޮތީ ރާވާފައެވެ. ނަމަވެސް އަޤުޞާ މިސްކިތުގެ މައްސަލައިގައި ތުރުކީވިލާތް ނުރުހިފައި އޮތުމުން މިހާރު ތުރުކީވިލާތުގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅަށް ވާނެ ގޮތެއް ނޭނގެއެވެ.

ތުރުކީވިލާތުގެ ރައީސް އުރުދޮގާން އިއްޔެ ވަނީ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސަށް ވެސް ފޯނުން ގުޅުއްވާ ތުރުކީވިލާތުގެ ރައްޔިތުން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

އަދި އުރުދޮގާން ވަނީ އިއްޔެ އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރެސް އަށް ވެސް ފޯނުން ގުޅުއްވާ މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރަމަޟާން މަސް ފެށުނު ފަހުން އިސްރާއީލުން ގެންދަނީ އަޤުޞާ މިސްކިތުގައި ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިންގަމުންނެވެ. ރަމަޟާން މަސް ފެށުނު ފަހުން އިސްރާއީލުން އަޤުޞާ މިސްކިތުގެ ތެރޭގައި ފަލަސްތީން މީހުންނަށް ދިން ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 300 އަށް ވުރެ ގިނަ ވާނެ ކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނެއެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް ތުރުކީވިލާތުގެ ރައީސް އުރުދޮގާން ވަނީ ރަމަޟާން މަހު އަޤުޞާ މިސްކިތުގައި ހަމަނުޖެހުން ނުހިންގަން އިސްރާއީލްގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަންނެއް ގޮލައެއް

    އިސްރާއީލުން ބިލިޔަނުން ފަިސާދީފައި ހަތިޔާރު ގަންނަމުން އިންޒާރު ދެނީއޭކިޔާ ވާހަކަ ދެއްކުމަކީ ދެކޮޅުނުޖެހޭ ބޭކާރު ވާހަކައެއް.މީކީ އިންޒާރެއް ނޫން މއީ ކަންދައްކާލުން.

    26
    9
  2. ގަދަ

    ލަވް ދިސް މޭން❤️

    21
    9
  3. ޙސ

    ކުށްވެރި ކޮށްލީމާ ނިމުނީތޯ. ޔޫކްރޭން އަށް ދިންކަހަލަ އަސްކަރީ ޑްރޯންތައް ފަލަސްތީންގެ ހަމާސް ޖަމާއަތަށް ދީބަލަ. ތިގޮތަށް ކަލޭމެެން ތިބޭނެ އުއްމަތް ކޮށާ ހުސްކުރާއިރުވެެސް

    48
    1
  4. މުސްލިމް

    އިންޒާރު ދީގެން ތިކަމެއް ނުވާނެ..... ކިތައް މުސްލިމުން ނަށް އަނިޔާ ކޮށް މަރާލީ... ގުނިޔަކަސް ނޭގޭނެ... ކޮބާ އިންސާފު...

    24
    1
  5. ބީރުބޮލު ވަޒީރު.

    މަވެސް ކުއްވެރިކޮށްފިން. ތިއަކަހަލަ ދެމޫނުގެ ވެރިން މުޅި އިސްލާމީ އުންމަތުގަ.

    16
    1
  6. މުޙައްމަދު

    ފަލަސްޠީނުގެ މުސްލިމް ޖަމާޢަތްތަކުން ކުރަމުންދާ ހިތްވަރަށް ސާބަސް ދެން. މަގުފުރެދިގެންވާ ޔަހޫދީންނަށް ނިކަމެތިކަން ދެއްވާށި. އާމީން

    34
    1
  7. Anonymous

    އަގައިން ބުނެލާ ބަހެއް އެއީވެސް މުސްލިމުންގެ ލޮލުގައި އަދުން އަޅުވަން

    11
    1
  8. މޮޔަފުޅުވީތޯ

    ބަލަ އުރުދޫ ބޭފުޅާ ދިން ކިތައްވަނަ އިންޒާރުކަން މަނިކުފާނައް އެނގޭތަ؟ ތި ދެން އާކަމެއްނޫން

  9. ލޮލީ

    ތިހެން އިންޒާރު ދީދީ ތިބޭ. ފަލަސްތީނުގެ ރައްޔިތުން މަރާ ހަނގުރާމަ ކުރަމުން ދާއިރުވެސް ކަލޭމެން ނަކަށް ވާކަމެއް ނުފެނޭ. ބަޔާން ނެރެފަ ކުށްވެރިކުރުމިކީ ހައްލެއް ނޫން.