ކޮވިޑް-19 ޖެހިގެން އިންޑިއާއިން 4.7 މިލިއަން މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ބުނެފިެވެ.

ޑަބްލިވްއެޗްއޯއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ކޮވިޑް ޖެހިގެން ގައުމުތަކުން މަރުވި މީހުންގެ އަދަދު 14.9 މިލިއަނަށް އަރާ ކަމަށެވެ. ޑަބްލިވްއެޗްއޯއިން ބުނީ މި އަދަދަށް މީހުން މަރުވެފައި ވަނީ މިދިޔަ އަހަރު ނިމުމަކާއި ހަމައަށް ކަމަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި ކޮވިޑްގައި މަރުވި ކަމަށް ޑަބްލިވްއެޗްއޯއަށް ގައުމުތަކުން ރިޕޯޓްކޮށްފައި ވަނީ އެންމެ 5.4 މިލިއަން މީހުންނެެވެ.

ކުރިންވެސް ގައުމުތަކުން ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައް އޮޅުވާލަމުންދިޔަ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވުނެވެ. އެގޮތުން އިންޑިއާއަކީ އެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނު އެއް ގައުމެވެ. އަދި އީރާނުންވެސް ކޮވިޑްގައި މަރުވި އަދަދުތައް އޮޅުވާލި ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މީގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކާއި އަފްޣާނިސްތާންގެ ޔެމެން ފަދަ ހަނގުރާމަ ކުރަމުންދާ ގައުމުތަކުގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދުު ހޯދަން ދަތި ވުމުންވެސް ރަސްމީކޮށް އާއްމު ކުރި އަދަދު އެތައް ގުނައެއް މަދުވާނެ ކަމަށް ކުރިންވެސް ބެލެވުނެވެ.

އިންޑިއާއިން އާއްމުކޮށްފައިވާ ރަސްމީ އަދަދުތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން މިއަދާއި ހަމައަށް މަރުވެފައި ވަނީ 523،975 މީހުންނެވެ.

އިންޑިއާއިން ވަނީ ޑަބްލިވްއެޗްއޯގެ ރިޕޯޓާއި މެދު ސުވާލު އުފައްދާފައެވެ. އަދި ޑަބްލިވްއެޗްއޯއިން މަރުވި މީހުންގެ އަދަދުތައް ހޯދަން ބޭނުން ކުރި ގޮތްތަކާއި މެދު ސުވާލު އުފެދޭ ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ހުސް ދޮގު!
    ތި ޑަބްލިޔޫ އެޗް އޯކީ ވެކްސިން ދާދަަ ބީލްގޭޓްސްހެ މުށުތެރޭގައި އޮތް ވެކްސިން ފާރމެއް….
    ތި ޖަމުޢިއްޔާއިން ކުރާ މައިގަނޑު މަސައްކަތަކީ
    ސިއްޙި ބިރުވެރިކަން އުފަދައިގެން ވެކްސިން އިޝްތިހާރު ކުރުމެވެ.