އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރާއި ދެކޮޅަށް އަމިއްލަ ޕާޓީގެ ބޭފުޅުން ތެދުވެ ވަޑައިގެން ސަރުކާރުން އިސްތިއުފާ ދެއްވަމުން ގެންދަވާއިރު މިހާތަނަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 46 ބޭފުޅަކު އިސްތިއުފާ ދެއްވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޖޯންސަން އާއި ދެކޮޅަށް މިފަހަރު ބޮޑު "ސިޔާސީ ރާޅެއް" އުފެދުނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކްރިސް ޕިންޗާ މަސްތުވެގެން ހުރެ ދެފިރިހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ. ކްރިސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު ކުރިން އެނގިފައި ނެތް ކަމަށް ޖޯންސަން ވިދާޅުވި ނަމަވެސް ފަހުން ހާމަވެފައިވާ ގޮތުގައި 2019 ވަނަ އަހަރު ޖޯންސަން އަށް އޮތީ އެމައުލޫމާތު ލިބިފައެވެ. އެހެންކަމުން ކްރިސް ދިފާއު ކުރަން ޖޯންސަން މަސައްކަތް ކުރައްވަނީ ކަމަށް ވިދާޅުވެ ސަރުކާރުގެ ތެރެއިން ގިނަ ބަޔަކު ވަނީ ޖޯންސަން އާއި ދެކޮޅަށް ނިކުމެފައެވެ.

ޖޯންސަންގެ ސަރުކާރުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޗާންސެލަރ ރިޝީ ސުނަކް އާއި ފިނޭންސް މިނިސްޓަރ ސާޖިދު ޖާވިދު އާއި ވޭކްސް ސެކްރެޓަރީ ސިމޮން ހާޓް ވެސް ހިމެނެއެވެ. އޭގެ އިތުރުން ސީނިއާ މެންބަރުންގެ ގޮތުގައި ފާހަގަ ކުރެވޭ ޗިލްޑްރެން އެންޑް ފެމިލީ މިނިސްޓަރ ވިލް ގްއެންޗް އާއި ސްކޫލްސް މިނިސްޓަރ ރޮބިން ވޯކާ އާއި ޖަސްޓިސް މިނިސްޓަރ ވިކްޓޯރިއާ އަޓްކިންސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޓްރެޒަރީ މިނިސްޓަރ ޖޯން ގްލެން އާއި އެންވާރްމަންޓް މިނިސްޓަރ ޖޯ އާއި ހައުސިން މިނިސްޓަރ ސްޓަރޓް އެންޑްރޫ އާއި އެންޕްލޯއިމެންޓް މިނިސްޓަރ މިމްސް ޑޭވިސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިއްޔެ އެކަނިވެސް 16 މިނިސްޓަރަކު ވަނީ ޖޯންސަންގެ ސަރުކާރުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އިއްޔެ އަކީ އިނގިރޭސިވިލާތުގެ ތާރީޚްގައި ވެސް އެންމެ ގިނަ ވަޒީރުން މަގާމުތަކުން އިސްތިއުފާ ދެއްވި ދުވަހެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ތާރީޚްގައި އެންމެ ގިނަ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 1932 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެދުވަސްވަރު އެއްދުވަހެއްގައި 11 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ.

ސަރުކާރުގެ މަގާމުތައް ފުރުއްވަމުން ގެންދަވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން އެކި ގައުމުތަކަށް ޖޯންސަންގެ ސަރުކާރުން ކަނޑައަޅުއްވާފައި ތިއްބެވި ވިޔަފާރި އާއި ގުޅޭ މަންދޫބުންނާއި، ޕާލަމެންޓްގެ ޕްރައިވެޓް ސެކެޓްރީން ވެސް ގެންދަވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ.

ޖޯންސަން ވަނީ ރޭ ބައެއް ވަޒީރުންނާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުވުމުގައި ވެސް ބައެއް ވަޒީރުން ވަނީ ޖޯންސަން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ދަންނަވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ޖޯންސަން ވަނީ ދެކޮޅު ހައްދަވާފައެވެ.

ޖޯންސަންއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ޕްރެޝަރުތަކަށް ބަލާއިރު އޭނާއަށް މާގިނަ ދުވަހު ބޮޑުވަޒީރުގެ މަގާމުގައި ދެން ދެމިހުރެވިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ. ޖޯންސަން އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވާނަމަ އަނެއްކާވެސް އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖޯންސަން ގެންދަވަނީ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމައްޗަށް އެރިނަމަވެސް އޭނާ އެގޮންޖެހުމެއް ގިރާކުރާނެއެވެ.