ކޮރޯނާވައިރަސް (ކޮވިޑް-19)ގެ އޮމިކްރޮން ވޭރިއަންޓްގެ އާ ސަބް-ލައިންއެއް ފެނިއްޖެއެވެ.

ބީއޭ.2.75 ގެ ނަމުން ނަންދީފައިވާ މި ވޭރިއެންޓް ހޯދާފައި ވަނީ އިންޑިއާ ފަދަ ގައުމުތަކުން ފެނިފައިވާ ކަމަށާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް މިކަމަށް ތަބާވަމުން އަންނަ ކަމަށް، ޑައިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވަނީ ވިދާޅުވެފައެވެ.

"ކޮވިޑް-19 އާ ގުޅިގެން ފާއިތުވި ދެ ހަފްތާގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 30 އިންސައްތައާ ގާތްކުރާ އަދަދަކަށް އިތުރުވެފައި. ޑަބްލިއުއެޗްއޯގެ ސަބް ރީޖަންތަކުގެ ތެރެއިން ހަ ސަރަހައްދުގެ ތެރެއިން ހަތަރު ސަރަހައްދަކުން މިދިޔަ ހަފުތާގައި ކޭސްތައް ވަނީ އިތުރުވެފައި،" ބުދަ ދުވަހު ބޭއްވި ޕްރެސް ބްރީފިންގައި ގެބްރެޔެސޫސް ވިދާޅުވި އެވެ.

ގެބްރެޔެސޫސް ވިދާޅުވީ ޔޫރަޕާއި އެމެރިކާގައި ބީއޭ.4 އަދި ބީ.އޭ.5 ހަލުވިކަމާއި އެކު ފެތުރެމުންދާ ކަމަށެވެ. އިންޑިއާ ފަދަ ގައުމުތަކުގައި ބީއޭ.2.75 ގެ އާ ސަބް-ލައިންސްއެއް ވެސް ވަނީ ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ވޭރިއެންޓް އިތުރަށް ދެނެގަތުމުގެ މަސައްކަތްތައްވެސް އެ ޖަމިއްޔާއިން ދަނީ ކުރިޔަށް ގެންދަވަމުންނެވެ.

އޮމިކްރޮން ސަބް-ވޭރިއަންޓް ބީއޭ.2.75 ފެނުމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޫމިޔާ ސްވާމިނަތަން ޓްވިޓާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބީއޭ.2.75 ނަމަކަށް ކިޔާ ސަބް ވޭރިއަންޓެއް އުފެދުމުގެ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި އެއީ "އެންމެ ފުރަތަމަ އިންޑިއާއިން ރިޕޯޓް ކުރި އަދި އޭގެ ފަހުން ދިހަ ވަރަކަށް ގައުމުން ރިޕޯޓް ކުރި" ސަބް ވޭރިއަންޓެއް ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 546 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ. އަދި މި ބަލިމަޑުކަމުގައި ބައްޔަށް ފައްސިވެގެން 6.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު