މަރުވެފައި އޮތް ކުއްޖެއް އެއާ އޭޝިއާގެ ފްލައިޓަކުން ފެނުނު މައްސަލާގައި އަންހެނަކު ހައްޔަރު ކޮއްފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ޖެއްސި އެއާ އޭޝިޔާގެ ފްލައިޓެއްގެ ފާހާނާ ތެރެން މި ތުއްތު ކުއްޖާ ފެނުމާއި ގުޅިގެން ކުރި ތަހުގީގަކުން އެގުނީ އެއީ ވިހެއުމަށް ފަހު އެއްލާލައިފައި އޮތް ތުއްތު ކުއްޖެކަމެވެ.

މި ތުއްތު ކުއްޖާ ފްލައިޓްގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ، ފްލައިޓް ނިއު ދިއްލީއަށް ޖެއްސިތާ ކުޑަ އިރުކޮޅެއްގެ ފަހުން ފްލައިޓްގެ ކެބިން ކުރޫއަށެވެ.

ފުލުހުން މިހާރުވަނީ މި ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކޮށްފައެވެ. އެ މަންމައަކީ އުމުރުން 19 އަހަރުގެ އިންޑިއާ މީހެއް ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. އެ އަންހެން މީހާ ހައްޔަރު ކުރީ އެބޯޓުން ދަތުރު ކުރި ހުރިހާ އަންހެން ފަސިޖަރުންނާއި ތަހުގީގުގައި ސުވާލު ކުރުމަށް ފަހުއެވެ.

އިންޑިއާގެ ފުލުހުން ބުނީ ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރު ކޮއްފައި ވާ އެ ކުއްޖާގެ މަންމަ މެޑިކަލް ޓެސްޓްތައް ހެދުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެއާއޭޝިޔާއިން އިންޑިއާގެ އެންޑީ ޓީވީއަށް ދިން ބަޔާނެއްގައި ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮކްޓަރަކާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ އެ ތުއްތު ކުއްޖާ ވިހާފައިވަނީ ފްލައިޓްގައެވެ. މި މައްސަލަ ޖެހުމާއި އެކު ފްލައިޓުން ދަތުރު ކުރި ހުރިހާ އަންހެނުންނާއި ސުވާލުކޮށްފައިވާ ކަމަށް އެއާ އޭޝިޔާއިން ވަނީ ބުނެފައެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އެޝިއާއިން ބުނީ މި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.