މެކްސިކޯގައި މިދިޔަ މަހުގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ.

ޖޫން މަހު މެކްސިކޯގެ ކޮންސިއުމާ ޕްރައިސް ވަނީ %7.99 އިންސައްތައަށް އިތުރުވެފައެވެ. އަދި މިއީ ރޮއިޓާސް ޕޯލުގައި އިގްތިސާދީ މާހިރުން ލަފާކޮށްފައިވާ %7.95 އަށް ވުރެ ކުޑަ އިތުރުވުމެކެވެ. މިކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.

ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މިއީ ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި މެކްސިކޯގެ އިންފްލޭޝަން މިހާ މަތިވި ފުރަތަމަ ފަހަރެވެ.

މިކަމުގެ ސަބަބުން މެކްސިކޯއަށް އޮތް ހަމައެކަނި ގޮތަކީ އެ ގައުމުގެ ފައިސާ ބޭރުވިޔަ ނުދީ ހިފެހެއްޓުމެވެ. އެހެންވެ، ކުރިޔަށް އޮތް ދުވަސްތަކުގައި އެގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް މާލީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

އިންފްލޭޝަން މަތިވާނެކަމަށް މެކްސިކޯގެ މަރުކަޒީ ބޭންކުން ލަފާކޮށްފައިވަނީ ތިން އިންސައްތައަށެވެ.

އެކަމަކު، މިއީ 2001 ވަނަ އަހަރު ޖެނުއަރީގެ ފަހުން މެކްސިކޯގެ އިންފްލޭޝަން އެންމެ މަތިވި ފަހަރެވެ. އެ ފަހަރު ޖުމްލަ 12 މަހުގެ އިންފްލޭޝަން ވަނީ %8.11 އަށް އަރާފައެވެ. މިފަހަރު ވަނީ އެ އަދަދާ ގާތްކޮށްފައެވެ.

މެކްސިކޯގެ މިދިޔަ މަހުގެ ބެންޗް މާކް އިންޓަރެސްޓު ރޭޓަކީ 75 ބޭސިސްކަމުގައި މަރުކަޒީ ބޭންކުން ވަނީ ކަނޑައަޅާފައެވެ. އަދި އިންފްލޭޝަން ކޮންޓްރޯލްކުރުމަށް އަދިވެސް މި ބޭސިސް މަތިކުރަން ޖެހިދާނެކަމަށްވެސް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކޮވިޑަށް ފަހުގާ ދިމާވި އިގްތިސާދީ ކާރިސާގައި ގިނަ ގައުމުތަކަށް އަންނަނީ އިގްތިސާދީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. އަވަށްޓެރި ލަންކާ ވެސް ވަނީ ބަނގުރޫޓުވެފައެވެ.