އުތުރު ކޮރެއާގައި ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުން ގާތްކަމަށް އެގައުމުން ބުނެފިއެވެ.

އޭޝިޔާގެ ބައެއް ގައުމުތަކަށް އޮމިކްރޮން ވޭރިއެންޓްގެ ސަބްވޭރިއަންޓްގެ ސަބަބުން ފެތުރޭ އިންފެކްޝަންތަކުގެ އާ ރާޅުތަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި އުތުރު ކޮރިޔާއިން މިހެން ބުނެފައިވާއިރު އެ ގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީން ބުނެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ހާއްސަ ފިޔަވަޅުތަކެއް އެޅި ކަމަށާއި އެ ގައުމު މިހާރު އޮތީ ބަލިމަޑުކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރުމުގެ މަގުމަތީގައި ކަމަށެވެ.

އަމިއްލައަށް އެކަހެރިވެގަނެގެން އުޅޭ މި ގައުމުން ބުނެފައިވަނީ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް 4.77 މިލިއަން މީހުން އެގައުމުން މި ބަލީގެ ހުން ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 99.98 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށާއި، ނަމަވެސް ޓެސްޓް ތައް ހެދިފައި ނެތުމުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އެއްވެސް ހިސާބެއް އަދި ހާމަކޮށްފައި ނުވާ ކަމަށް އެގައުމުން ބުނެއެވެ.

"އެންޓި-އެޕިޑެމިކް ކެމްޕޭން ރަނގަޅު ކުރަނީ، އެންމެ ފަހު ވަގުތު މި ކާރިސާ މުޅިން ފިނިކުރުމަށް" ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން އުތުރު ކޮރިއާއިން ދައްކާ މިފަދަ ވާހަކަތަކާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ޝައްކުތަކެއް އުފައްދާފައެވެ. އެޖަމިއްޔާއިން މިދިޔަ މަހު ބުނެފައި ވަނީ މިނިވަން ޑޭޓާއެއް ނެތް ދަނޑިވަޅެއްގައި، އުތުރު ކޮރިޔާގައި ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އުތުރު ކޮރިޔާއިން މިފަދަ ވާހަކަތައް ދައްކާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި މިއީ އެކަހެރިވެފައިވާ މިފަދަ ގައުމަކަށް ކެތްކުރަން ދަތި ކަމަކަށް ވާނޭ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

އުތުރު ކޮރެޔާގައި ދުވާލެއްގެ މައްޗަށް ހުން ފެތުރޭ މިންވަރު ދަށްވާން ފަށާފައިވާކަމަށް އެގައުމުން ބުނެއެވެ.