އިންޑިއާގައި ބަލިމީހަކާއި އިތުރު ދެ މީހަކު ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސެއް ކޮންޓްރޯލް ގެއްލި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ކަރްނާޓަކާގެ އުޑޫޕީ ޑިސްޓްރިކްޓްގައި މި ހާދިސާ ހިނގިއިރު، އެ އެމްބިއުލާންސްގެ ކޮންޓްރޯލް ގެއްލި ޖެހިފައި ވަނީ ޓޯލް ބޫތެއްގައެވެ. މި ހަދިސާގައި އެ އެމްބިއުލާންސްގައި ތިބި ތިން މީހަކު ވަނީ މަރުވެފައެވެ.

އެ ހާދިސާގެ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަކަށް ވަނީ އަރާފައެވެ. އެ ވީޑިއޯއިން ވާރޭ ވެހިފައިވާ ކަރްނާޓަކާގެ އައްސޭރިފަށުގެ ތެތް މަގެއްގައި ހިނގި އެ އެކްސިޑެންޓްގެ މަންޒަރު ފެނިގެން ދެއެވެ.

އެ ފޫޓޭޖުން ފެންނަނީ ސެކިއުރިޓީ ގާޑުންނާއި ޓޯލް އޮޕަރޭޓަރުން އެމްބިއުލާންސް ކައިރިވާތަން ފެނުމުން އެއް ލޭނުން ތިން ޕްލާސްޓިކް ބެރިކޭޑް ނަގަން ދުވެފައި ދާތަނެވެ.

އެ ފޫޓޭޖުން ފެންނަ ގޮތުގައި އެ ހާދިސާ ކުރިން ގާޑުންގެ ތެރެއިން އެކަކު ކާމިޔާބުކަމާއެކު ދެ ބެރިކޭޑް ނަގައެވެ. ނަމަވެސް އެއް ބެރިކޭޑް އެ ދިމާލުން ފެންނައިރު، އޭތި ނަގަން އެކަކު މަސައްކަތް ކުރާ ތަންވެސް ފެނިގެން ދެއެވެ. އެއިރު އެމްބިއުލާންސް ހުރީ ޓޮލް ޕްލާޒާއާ ގާތްގަނޑަކަށް އެއް ހަމައެއްގައެވެ.

އަދި ކުއްލިއަކަށް އެ އެމްބިއުލާންސް އައިސް އެ ޓޮލް ބޫތްގައި ވަރަށް ބާރަށް ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު