ސްރީލަންކާގެ ރައީސް ކަމުން މީގެ ދެހަފްތާ ކުރިން އިސްތިއުފާ ދިން ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރުގައި ހުރުމަށް ވިސާ އިތުރުކޮށްފިއެވެ.

ސިންގަޕޫރުގެ މީޑިއާތަކުން ބުނާ ގޮތުގައި ގޮތަބަޔާ ސިންގަޕޫރުގައި ހުރުމަށް ފުރަތަމަ ލިބުނު 14 ދުވަހުގެ ވިސާ ހަމަވާތީ މިހާރު ވަނީ އިތުރު 14 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްފައެވެ. ގޮތަބަޔާގެ ވިސާގެ މުއްދަތު އިތުރުކޮށްފައި މިވަނީ އޭނާ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ސްރީލަންކާ ސަރުކާރުގެ އޮފިޝަލުން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ސްރީލަންކާ ކެބިނެޓްގެ ތަރުޖަމާން ބަންދުލާ ގުނަވަރުދެނާ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ ގޮތަބަޔާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި އޭނާ ސިންގަޕޫރުން އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ސްރީލަންކާއަށް ގޮތަބަޔާ ވަޑައިގަންނަވާނެ ދުވަހެއް ދަންނަވަން ނޭންގޭ ކަމަށް ވެސް ގުނަވަރުދެނާ ވިދާޅުވިއެވެ.

ގޮތަބަޔާގެ ސަރުކާރާއި ދެކޮޅަށް ސްރީލަންކާ ރައްޔިތުން މުޒާހަރާއަށް ނިކުމެ ރިޔާސީ ގަނޑުވަރު މުޒާހަރާ ކުރާ މީހުންގެ ބާރުގެ ދަށަށް ގެނައުމުން ގޮތަބަޔާ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ އަސްކަރީ މަތިންދާބޯޓެއްގައެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އޭނާ ފުރަތަމަ ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. އެއީ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭގެ ދެދުވަސް ފަހުން އޭނާ ވަނީ ދިވެހިރާއްޖެ އިން ސިންގަޕޫރަށް ވަޑައިގެންފައެވެ. ގޮތަބަޔާ ސްރީލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ޖުލައި 15 ވަނަ ދުވަހު އެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ ޔޫއޭއީއަށް ވަޑައިގެން އެގައުމުން ހިމާޔަތް ހޯއްދެވުމުގެ ކުރިން ހަމަޖައްސަން ޖެހޭ ބައެއް ކަންކަން ހަމަޖައްސަން ކަމަށް ސްރީލަންކާގެ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް އޭނާ އަދި ޔޫއޭއީއަށް ވަޑައިގަންނަވަން ނިންމެވިކަމެއް ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ގޮތަބަޔާ އެނބުރި ސްރީލަންކާއަށް ވަޑައިގެންފިނަމަ އޭނާ ފުރުން މަނާކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަން ފަށާފާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ގޮތަބަޔާގެ ބޭބެ މަހިންދްރަ ރާޖަޕަކްސަ އާއި ބާސިލް ރާޖަޕަކްސަ ވެސް ސްރީލަންކާ އިން ފުރުން މިހާރު ވަނީ މަނާކޮށްފައެވެ.