ޗައިނާ އިން ކްރިސްމަސް ދުވަހާ ދިމާކޮށް ޓައިވާން ކައިރީ ތަމްރީންތަކެއް ހިންގައިފިއެވެ. ޓައިވާންގެ ޑިފެންސް ފޯސްގެ ރާޑަރަށް 71 ވައިގެ އުޅަނދާއި ކަނޑުމަގުން ހަތް އުޅަނދު ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން އާދީއްތަ ދުވަހު ބުނެފައިވަނީ ޑިސެމްބަރ 25 ވަނަ ދުވަހު ހަނގުރާމަ މަތީ މަނަވަރާއި ވައިގެ އުޅަނދުތަކުގެ ތަމްރީނެއް ޓައިވާންގެ ވަށައިގެން ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. ޕީއެލްއޭއިން ބުނެފައިވަނީ މިތަމްރީން ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާ އާއި ޓައިވާނުން އިސްވެ ގެންގުޅޭ ބިރުގެންނެވުމުގެ ސަގާފަތެއްގެ ސަބަބުން ކަމަށެވެ.

ޕީއެލްއޭއިން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވަނީ ގައުމުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ހިމާޔަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ޓައިވާންގެ ޑިފެންސް ފޯސްއިން މި ތަމްރީނާ މެދު ބުނެފައިވަނީ އެ ވަގުތު ކަން ހިނގަމުން ދިޔަގޮތް ގާތުން ބަލަމުން އައި ކަމަށާއި ރައްދުގައި އެ ފަރާތަށް ބައެއް އުޅަނދުފަހަރާއި މިސައިލް ސިސްޓަމްވެސް ވަގުތީ ގޮތުން އެލާޓަށް ގެނެސްފައިވާނެ ކަމަށެވެ. އެ ފޯސް އިން ބުނެފައިވަނީ މިއީ ޕީއެލްއޭއިން އާންމުންގެ މެދުގައި ބިރުވެރިކަން ފެތުރުމަށް ވަރަށް ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ.

ޗައިނާއިން މި ތަމްރީނު ހިންގާފައިވަނީ އެމެރިކާގެ ރައީސް ޖޯއި ބައިޑެން 2023 ވަނަ އަހަރަށް ފާސް ކުރި ޑިފެންސް ބިލަށް ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ އެހީއަށް ދޭން ނިންމާފައި ވަނިކޮށެވެ.

މި ބިލުގެ ސަބަބުން 100 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ ސާމާނު އެއްކުރުމުގެ ފުރުސަތު އެމެރިކާއަށް ލިބުމާއެކު ޓައިވާން އަށް 2024 ވަނަ އަހަރު އެމެރިކާ އާއި ގުޅިގެން އިތުރު ތަމްރީނުތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.