ދެކުނު ކޮރެއާ އާއެކު ނިއުކްލިއަރ ތަމްރީނުތަކެއް ހިންގުމާ ގުޅިގެން މަޝްވަރާ ކުރެވެމުން ނުދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ނިއުކްލިއަރ އާލާތްތައް ބޭނުންކޮށްގެން ދެކުނު ކޮރެއާ އާ އެކު ތަމްރީނުތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވިދާޅުވުމާ ގުޅިގެންނެވެ.

މ ފަދަ މަޝްވަރާތކެއް ކުރިއަށް ދޭތޯ އެހި ސުވާލަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ ހަމައެކަނި "ނޫނެކޭ" އެވެ.

ޔޫން މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިމިވަނީ އުތުރު ކޮރެއާ އާއި ދެމެދު ވަރަށް ބޮޑަށް މަސްރަހު ހޫނުވެފައި ވަނިކޮށެވެ. މިހާރުވެސް އުތުރު ކޮރެއާއިން ދެކެނީ އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ ތަމްރީނުތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ކުރެވޭ ފަރިތަކުރުންތަކެއް ކަމުގައެވެ. އަދި އެހެން ކަމުން މިފަދަ ތަމްރީނުތަކެއް ހިންގާ ކޮންމެ ފަހަރަކު އުތުރު ކޮރެއާއިން މިސައިލު ޓެސްޓުކޮށް ދެކުނަށް އިންޒާރުދެއެވެ.

އެ ދެގައުމުން ބިރުދައްކަނީ ކަމަށްބުނެ އެކަމާއި ކުރިމަތިލުމަށް، އުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށްވެސް، އެ ގައުމުގެ ރައީސް ކިމް ޖޮން އުންގް ވަނީ އަމުރު ކުރައްވާފައެވެ.

އުތުރު ކޮރެއާއިން ދެމުންދާ އިންޒާރުތަކާއި ހެދި ދެކުނު ކޮރެއާގެ ރައީސް ޔޫން ވަނީ، " ހަނގުރާމައިގެ ތައްޔާރީތައް" ބާރުމިނެއްގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޔޫން ވިދާޅުވީ އެމެރިކާއާއި ގުޅިގެން ބާއްވާ ތަމްރީނުތަކުގެ މައިގަނޑު އަމާޒަކަށް ވާނީ އެމެރިކާގެ "އެކްސްޓެންޑެޑް ޑިޓަރެންސް" ވަރުގަދަކުރުން ކަމަށެވެ. އޭގެ މާނައަކީ އެމެރިކާގެ ބައިވެރިންނަށް ދެވޭ ހަމަލާތަކުން އެގައުމުތައް، އެމެރިކާގެ އަސްކަރިއްޔާއިން، ހާއްސަކޮށް އެގައުމުގެ ނިއުކްލިއަރ ބާރުތަކުން ދިފާއު ކޮށްދިނުމުގެ ގާބިލުކަމެވެ.

"ނިއުކްލިއަރ ހަތިޔާރުތައް ނިސްބަތްވަނީ އެމެރިކާއަށް. އެކަމަކު ރޭވުމާއި، މައުލޫމާތު ހިއްސާކުރުމާއި، ތަމްރީނުތައް ކުރިއަށް ދާނީ ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން." ޔޫން ވިދާޅުވެފައިވެއެވެ. އަދި އެމެރިކާއިން މި ހިޔާލަށް ތާއީދުކުރާ ކަމަށްވެސް ޔޫން ވަނީ ވިދާޅުވެފައެވެ.

ބައިޑަން މިކަމަށް އިންކާރު ކުރައްވާފައިވާއިރު، ޔޫންގެ ޕްރެސް އެފެއާޒްގެ ސީނިއަރ ސެކެޓްރީ ކިމް ޔުން ހޭ މިއަދު ވިދާޅުވީ އެހާ ނާޒުކު ކަމަކާއި ގުޅޭގޮތުން، އެހާ ސީދާ ސުވާލެއް ކުރެއްވުމުން ބައިޑަން އަށް ނޫނެކޭ ވިދާޅުވާން ޖެހުނީ ކަމަށެވެ. ބައިޑަން އެހެން ވިދާޅުވެފައިވީ އިރުވެސް ދެކުނުން ބުނަމުންދަނީ މި ތަމްރީނުތައް ކުރިއަށްދާނެ ކަމުގައެވެ.

ދެ ކޮރެއާގެ ދެމެދުގައި އަބަދުވެސް މަސްރަހު އޮންނަނީ ހަލަބޮލިކޮށެވެ. އަދި ހާއްސަކޮށް އުތުރު ކޮރެއާއި ދެކޮޅަށް ކުރައްވާ މަސައްކަތްތައް އިތުރުކުރާނެކަަމަށް ވައުދުވަމުން، މިދިޔަ އަހަރުގެ މޭ މަހު، ޔޫން ދެކުނުގެ ވެރިކަމާއި ހަވާލުވުމަށްފަހު މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.