ޑިސެމްބަރު މަހު ލަންޑަންގެ ހީތްރޯ އެއާޕޯޓުން ފެެނުނު ޔުރޭނިއަމް ހިމެނޭ ޕެކޭޖަކީ ޕާކިސްތާނުން އައި ޕެކޭޖެއްކަމަށް އިނގިރޭސި މީޑިއާތަކުން ކޮށްފައިވާ ރިޕޯޓްތައް ޕާކިސްތާނުން ދޮގު ކޮށްފިއެވެ.

އެގޮތުން ޕެކޭޖު އައީ ޕާކިސްތާނުން ކަމަށް، ދަ ސަން، ދަ ގާޑިއަން އަދި ސްކައި ނިއުސް އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޒަހްރާ ބަލޮޗް ވިދާޅުވީ އެކަމާއި ގުޅިގެން އިނގިރޭސިވިލާތުން ރަސްމީކޮށް ޕާކިސްތާނާއި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، އެ ރިޕޯޓް ތަކަކީ އެއްވެސް ހަގީގަތެއް ނެތް ރިޕޯޓްތަކެއް ކަމަށް ޔަގީންވާ ކަމަށެވެ.

ޕާކިސްތާނުގެ އެހެން އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގެ ސަބަބުން ޕާކިސްތާނުގެ ނަމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރުވަނީ ހީވެފައެވެ.

ރޫޓިންކޮށް ކާގޯ ސްކްރީން ކުރުމުގެ ތެރޭގައި، ޔުރޭނިއަމް ހިމެނޭ ޕެކޭޖެއް އިނގިރޭސިވިލާތަށް އެތެރެވެފައިވާ ކަން މި ހަފްތާގެ ކުރީކޮޅު ލަންޑަންގެ ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ ޕެކޭޖުގައި ހިމެނެނީ "ވަރަށް މަދު މިންވަރެއްގެ" ޔުރޭނިއަމް ކަމަށެވެ. މި ހާދިސާ މިހާރު ކައުންޓަރ ޓެރަރިޒަމް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ އާންމު ރައްކާތެރިކަމަށް އެއްވެސް ނުރައްކާތެރިކަމެއް ނެތް ކަމުގައެވެ.

" ރޭޑިއޯއެކްޓިވް ސިގްނަލް ދޭ މާއްދާއެއް ކާގޯގެ ތެރެއިން ވަނީ ފެނިފައި. އެކަމަކު އަހަރެމެން މި ދައްކަނީ މީގެ ވަރަށް މަދު މިންވަރެއްގެ ވާހަކަ، އެހެންކަމުން އާންމު ސިއްހަތަށާއި، ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ވާނެ ކަމަށް ފާހަގަވެފައެއް ނުވޭ." ލަންޑަން މެޓްރޮޕޯލިއަން ފުލުހުންގެ ކައުންޓަރ ޓެރަރިޒަމްގެ ކޮމާންޑުގެ ވެރިޔާ ރިޗާޑް ސްމިތް ވިދާޅުވެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުރޭނިއަމް ހުރީ ދަގަނޑުތަކެއްގެ ތެރޭގައެވެ. އަދި މި ދަގަނޑުތައް ހިމެނޭ ޕެކޭޖު އައިސްފައިވަނީ މަސްކެޓް މަގުން އޮމާން އެއަރ ގެ ކޮމާޝަލް ފްލައިޓެއްގައެވެ.

ޔުރޭނިއަމް އަކީ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް އާންމުކޮށް ބޭނުންކުރާ، ވަރަށް މަދުން ފެންނަ ރޭޑިއޯ އެކްޓިވް މާއްދާއެކެވެ. އެގޮތުން ރިއެކްޓަރ ތަކުގައާއި، ސަބްމެރިން އަދި ޕަވަރޕްލާންޓް ތަކުގައި ހަކަތަ އުފެއްދުމަށާއި އަދި ހަތިޔާރު އުފެއްދުމަށްވެސް ޔުރޭނިއަމް ބޭނުންކުރެއެވެ.

މި ހަބަރު ފުރަތަމަ ރިޕޯޓް ކުރި "ދަ ސަން" އިން ބުނެފައިވަނީ މި ޕެކޭޖަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިރާނުގެ ބަޔަކަށް ފޮނުވި ޕެކޭޖެއް ކަމަށެވެ.

އިރާނުން މިކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.