ސީރިއާ އާއި ތުރުކީ އާއި ދެމެދު ގުޅުންތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ދިއުމާއި މެދު އެއްވެސް އެއްވެސް ވިދާޅުނުވެ ހުރުމަށްފަހު، ސީރިއާއިން ތުރުކީގެ ސިފައިން ބޭލުމަށާއި، އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވުން ހުއްޓާލުމަށް ސީރިއާގެ ރައީސް ބައްޝާރުލްއަސަދު ތުރުކީއަށް ގޮވާލައްވައިފިއެވެ.

ސީރިއާ ގައި ހިނގަމުންދާ 12 އަހަރުވީ ދާޚިލީ ހަނގުރާމައިގައި، ބައްޝާރުލްއަސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް ތުރުކީން ވާގިވެރިވާން ފެށީއްސުރެ، އަދި ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށް ތުރުކީ ސިފައިން ފޮނުވާފައިވާތީ، ސީރިއާއާއި ތުރުކީ އާއި ދެމެދު އޮންނަނީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ސީރިއާ އާއި ތުރުކީ އާއި ދެމެދުގެ ގުޅުންތައް ރަނގަޅުކުރުމަށް ރަޝިއާ ދަނީ މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ. މިދިޔަ މަހު ތުރުކީ އާއި ސީރިއާގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމެއްވެސް ރަޝިއާގައި ވަނީ ބާއްވާފައެވެ. އަދި އަމާޒަކީ އެންމެ ފަހުން އަސަދު އާއި ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންގެ ބައްދަލުވުމެއް ބޭއްވުމެވެ.

ރަޝިއާގެ ރައީސްގެ ސަފީރު އެލެކްސާންޑަރ ލަވްރެޓީވް އާއި ބައްދަލުކުރައްވާ އަސަދު ވިދާޅުވީ، ތުރުކީއާއި އެކުގައި ކުރެވޭ މަޝްވަރާތަކުގެ އަމާޒަކަށް ވާން ޖެހޭނީ، " ސީރިއާގެ ބިން ހިފައިގެން ތުރުކީން އުޅޭ އުޅުން ހުއްޓުވުމާއި، ނިރުބަވެރިކަމަށް ތުރުކީން ދޭ ވާގިވެރިކަން ހުއްޓުވުން" ކަމަށެވެ. އަދި ސީރިއާއިން ބޭނުންވާ ފަދަ ނަތީޖާއެއް ނެރުމަށް، ބައްދަލުވުންތައް ކުރީބައިގައި ރަޝިއާއާއި ސީރިއާ ގުޅިގެން ކޯޑިނޭޓް ކުރަން ޖެހޭނެ ކަމަށްވެސް އަސަދު ވަނީ ވިދާޅުވެފައެވެ.

ދެގައުމުގެ ފޮރިން މިނިސްޓަރުން މެވްލަތް ކަވްސޯލޫ އާއި ފައިސަލް މިގްދާދު މި ފެށޭ ފެބުރުއަރީ މަހު ބައްދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ. މި ވާނީ 2011 ވަނަ އަހަރު ސީރިއާގެ ހަނގުރާމަ ފެށުނީއްސުރެ، ސީރިއާއާއި ތުރުކީ އާއި ދެމެދު ކުރެވޭ އެންމެ މަތީ ދަރަޖައިގެ މަޝްވަރާތަކަށެވެ.

ސީރިއާއާއި ތުރުކީއާއި ދެމެދުގެ ގުޅުންތައް، ސީރިއާގެ އަނެއް މައިގަނޑު ވާގިވެރިޔާ ކަމަށްވާ އިރާނުންވެސް ދަނީ ގާތުން ބަލަމުންނެވެ. ސީރިއާ އާއި ތުރުކީއާއި ދެމެދު މަޝްވަރާތައް ކުރިއަށް ދާތީ އިރާނު އޮތީ އުފަލުން ކަމަށް، އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރް އަބުދުއްލާހިއަން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ސީރިއާގެ ފޮރިން މިނިސްޓަރު މިގުދާދު އާއި ބައްދަލުކުރެއްވުމަށް އަމީރް އަބުދުއްލާހިއަން އަންނަ ހޮނިހިރުދުވަހު ސީރިއާއަށް ވަޑައިގަންނަވާނެއެވެ.