ލެޓްވިއާގެ ބޯޑަރު ކައިރީގައި އޮންނަ ލިތުއޭނިއާގެ އުތުރުގެ ޕާސްވާލީސް ސަރަހައްދުގައި އޮތް ގޭސް ޕައިޕްލައިންއެއް ގޮވައިފިއެވެ.

އަލިފާންގަނޑުގެ މަންޒަރުތައް ދައްކަމުން އެޤައުމުގެ މީޑިއާއިން ބުނެފައިވަނީ މި ހާދިސާގެ ސަަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާ ކަމަށެވެ. ނަމަވެސް، ރޯވި ހިސާބުގަނޑުގައި އެންމެ ކައިރީގައި ދިރިއުޅޭ ގެތަކުގެ 700 މީހުން ރައްކާތެރި ހިސާބުތަކަށް ވަގުތުން ބަދަލުކުރެވުނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގު ކުރާނެ ކަމަށް އަވަށްޓެރި ލެޓްވިއާގެ ދިފާއީ ބާރާއި ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމަކަށް ނުވާނެއެކޭ އަދި ބުނެވޭކަަށް ނެތް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވިޔަސް ޕައިޕްލައިންގެ އޮޕަރޭޓަރ ބުނެފައިވަނީ ޕައިޕްލައިންއަށް ގަސްދުގައި ބަޔަކު ގެއްލުންދީފާނެކަމަށް ޝައްކު ނުކުރެވޭ ކަމަށެވެ.

"ފުރަތަމަ އެސެސްމަންޓަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ގޯސް ސަބަބެއް ނުފެނޭ، އެކަމަކު ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރިއަށް ގެންދާނަން ،" ލިތުއޭނިއާގެ ޤައުމީ ގޭސް ސަޕްލަޔަރ އަމްބަރ ގްރިޑްގެ ޗީފް އެގްޒެކެޓިވް ނެމޫނާސް ބިކްނިއަސް ނޫސްވެރިންނަށް ބުނެދިނެވެ. "ބޭރުން އެއްވެސް އަސަރެއް ކޮށްފާނެ ކަމުގެ އަލާމާތެއް އަޅުގަނޑުމެންނަކަށް ނުފެނޭ."

ބިކްނިއަސް އިތުރަށް ބުނެފައިވަނީ 1978 ވަނަ އަހަރު ހަދާފައިވާ މި ޕައިޕްލައިންއަށް ބައެއް މެއިންޓެނަންސްގެ މަސައްކަތްތަކެއް ވަރަށް ފަހުން ކޮށްފައިވާ ކަމަށެވެ. އަދި މިކަމަކީ ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއްތޯ ތަހުގީގު ޓީމްއިން ބަލާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ޕައިޕްލައިންގެ ގޭސް ސަޕްލައި ބަންދުކުރުމަށްފަހު އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް 4 ގަޑިއިރު ނަގާފައިވެއެވެ. ލިތުއޭނިއާގެ އިތުރުން އަވަށްޓެރި ލެޓްވިއާއިންވެސް މި ޕައިޕްލައިންގެ ބޭނުން ހިފައެވެ.