ބްރެޒިލް އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖެެނެރަލް ގާސަން މެނާންޑްރޯ ގާސިއާ ޑި ފްރެއިޓަސް މަގާމުން ވަކި ކުރައްވައިފިއެވެ.

މިއީ ބްރެޒިލްގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ލޫލާ ޑި ސިލްވާގެ ސަރުކާރުން، ބްރެޒިލް އިން އިސްރާއީލާއި މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރައްވާނެކަން ސިފަކޮށްދޭ އަމަލެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ލޫލާ ވެރިކަމާއި ހަވާލުވެވަޑައިގެން އެޅުއްވި ފުރަތަމަ މުހިންމު ފިޔަވަޅުގެ ގޮތުން ސަފީރު ވަކިކުރައްވާފައި ވާއިރު، ސިޓީގައި ސޮއެ ކުރައްވާފައިވަނީ ބްރެޒިލްގެ ހާރިޖީ ވަޒީރު މައުރޯ ވިއެރާ އެވެ. ވަޒީރު ވިދާޅުވީ ފްރެއިޓަސް އަކީ ޑިޕްލޮމެޓިކް އެއްވެސް ތަޖުރިބާއެއް ނެތް ބްރެޒިލްގެ އަސްކަރިއްޔާގެ ޖެނެރަލް އެއް ކަމަށެވެ.

ފްރެއިޓަސް އިސްރާއީލުގެ ސަފީރަކަށް ހަމަޖައްސަވާފައި ވަނީ ބްރެޒިލްގެ ކުރީގެ ރައީސް، ޖެއިރް ބޮލްސޮނާރޯގެ ވެރިކަމުގައި، 2020 ވަނަ އަހަރުއެވެ.

ބްރެޒިިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮލްސޮނާރޯގެ ވެރިކަމުގެ ދުވަސްވަރު، ބްރެޒިލްއާއި އިސްރާއީލުގެ ގުޅުންތައް ބަދަހިކުރުމުގައި ސަފީރު ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ. އަދި މި ގުޅުންތަކުގެ ސަބަބުން އިސްރާއީލުގައި ހުންނަ ބްރެޒިލްގެ އެމްބަސީ، ތެލް އަވީވްއިން ޤުދުސްއަށް ބަދަލުކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ބޮލްސޮނާރޯ އިއުލާން ކުރައްވާފައިވާ ކަމަށްވެސް، އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ޖެއިރް ބޮލްސޮނާރޯ ---

ބޮލްސޮނާރޯގެ ވެރިކަމުގައި އިސްރާއީލާއި ބްރެޒިލްގެ ގުޅުންތައް އޮތީ ވަރަށް ބަދަހި ވެފައެވެ. ބޮލްސޮނާރޯ ވަނީ ކޮވިޑްގެ އާލަމީ ވަބާގައިވެސް އިސްރާއީލުގެ އެހީއަށް އެދިފައެވެ. އަދި އާންމު ތަންތަނުގައި އިސްރާއީލުގެ ދިދަވެސް ވަނީ ނަގާފައެވެ. ބޮލްސޮނާރޯގެ ސަރުކާރުން ކަންތައްތައް ކުރައްވާފައިވަނީ އޭގެ ކުރިން ބްރެޒިލްގައި އޮތް ސަރުކާރުން އިސްރާއީލާއި މެދު ގެންގުޅުނު ސިޔާސަތުތަކާއި ވަރަށް ތަފާތުކޮށެވެ. އަދި މިކަމުގެ ނަތީޖާ ވަނީ އދ. ގެ ތެރެއިންވެސް ފެނިގެން ގޮސްފައެވެ.

އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ އުޅުމާއި މެދު ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުގެ ލަފަޔަށް އެހުމަށް ފަލަސްތީނުން އެދިފައިވާ އެދުމާއި އެއްކޮޅަށް ވޯޓުނުލުމަށް، އދ. ގައި ބްރެޒިލް ތަމްސީލުކުރެއްވި ފަރާތްތަކުގެ ނިންމުމުގައިވެސް، ވަކިކުރައްވާފައިވާ ސަފީރުގެ ދައުރެއް ވާކަމަށް ބްރެޒިލްގެ ގްލޯބޯ ނޫހުން ވަނީ ބުނެފައެވެ.

2013 އިން 2016 އަށް ބްރެޒިލްގައި ވެރިކަން ކުރި ވޯކާސް ޕާޓީގެ ސަރުކާރުން ވަނީ، 2014 ވަނަ އަހަރު، އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާތަކާއި ގުޅިގެން، އިސްރާއީލުން ބާރުގެ ބޭނުން ކޮށްފައިވާތީ އެކަން ކުށްވެރިކޮށް، މަޝްވަރާ ކުރުމަށްޓަކައި ތެލް އަވީވްގައި ހުރި ބްރެޒިލްގެ ސަފީރު ހާޒިރު ކޮށްފައެވެ. ޣައްޒާގައި ހިނގަމުންދިޔަ ކަންތައްތަކަކީ ގަތުލުއާންމެއްގެ ގޮތުގައި ބްރެޒިލް އިން ސިފަކުރުމުން، އޭގެ ރައްދުގައި އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ބްރެޒިލްއަށް ޑިޕްލޮމެސީ ނޭނގޭ ކަމުގައެވެ.

އޭގެ އަނެއް އަހަރު އިސްރާއީލުން ބްރެޒިލްއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑެނީ ޑަޔަން ގެ ނަން ހުށައެޅުމުން، އިސްރާއީލުގެ ޔެޝާ ކައުންސިލްގައި އޭނާ އަދާކުރާ އިސް މަގާމުގެ ސަބަބުން ބްރެޒިލް އިން ވަނީ އޭނާގެ ނަން ގަބޫލުނުކޮށް އަނބުރާ ރައްދު ކޮށްފައެވެ. ޔެޝާ ކައުންސިލަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ މީހުން ވަޒަންވެރިކުރުވުމުގެ މަސައްކަތް ތަމްސީލުކުރާ ޖަމާއަތެކެވެ.

މިދިޔަ ހަފްތާ ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހަށާއި، ރިޔާސީ ގަނޑުވަރަށާއި، ސުޕްރީމް ކޯޓަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. އެމެރިކާ، ފްރާންސް، ޖަރުމަނުވިލާތް، ޗައިނާ، އިންޑިއާ އަދި ރަޝިއާ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ މި ހަމަނުޖެހުންތައް ކުށްވެރިކޮށް، މިއީ ޑިމޮކްރަސީއަށް ދިން ސީދާ ހަމަލާއެއް ކަމަށްބުނެ، ރައީސް ލޫލާއަށް އޮތް ތާއީދު ހާމަކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ ނޫސްވެރިއަކު މި ހަމަނުޖެހުންތައް ސިފަކޮށްފައިވަނީ، ލޫލާ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރައްވާތީ ކުރިމަތިވި ބަދުނަސީބެއްގެ ގޮތުގައެވެ. އޭނާ ބުނެފައިވަނީ ޤުދުސް ވެރިރަށުގެ ގޮތުގައި އޮންނަ މިނިވަން ދައުލަތް ގާއިމުކުރުމުގެ ފަލަސްތީނުގެ އެދުމަށް ތާއީދުކުރާ ހުރިހާ އެންމެންނަށް ބަދުނަސީބު ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ ރައީސް ލޫލާގެ ފަހަރު ކަމަށާއި، ކުރިއަށް މިއަށްވުރެވެސް ބޮޑެތި ކަންތައްތައް ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލޫލާ ޑި ސިލްވާ ރައީސްކަމުގެ ހުވާކުރެވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ --

ލޫލާގެ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ހަފްލާއަށް ވަޑައިގެންނެވި، ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ އާއި ބައްދަލުކުރައްވާ، ފަލަސްތީނަށް އޮތް ތާއީދު ލޫލާ ހާމަކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރައްވާ، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ހުންނެވި ކަމަށާއި، ބައިނަލްއަގުވާމީ މަންސަތަކުގައި ފަލަސްތީނުން ކުރަމުންދާ މަސައްކަތްތަކަށްވެސް ތާއީދުކުރައްވާނެ ކަމަށް ވެސް ލޫލާ ވިދާޅުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ލޫލާ ވަނީ 2002 އިން 2010 އަށްވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ.