އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ ރެއިޑެއްގައި، އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލު ސިފައިން ޝަހީދު ކޮށްލާފައިވަނީ 14 އަހަރުގެ އޮމާރް ހާލިދު ލުތުފީ ޚުމޫރް ކިޔާ ފިރިހެން ކުއްޖެއް ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދީފައި ވެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން މިއަދު ހެނދުނުގެ ވަގުތެއްގައި ބުނެފައިވަނީ، އިސްރާއީލު ސިފައިން ބެތެލްހަމް ސިޓީގެ ޑެއިޝޭ ރެފިއުޖީ ކޭމްޕުގައި ކުރިއަށް ގެންދިޔަ ރެއިޑެއްގައި، އޮމާރް ގެ ބޮލަށް ބަޑިޖަހުމުން އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި އޮމާރް ޝަހީދުވިކަން އެ ވުޒާރާއިން އިއުލާނު ކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އިސްރާއީލު ސިފައިން އެ ކޭމްޕު ރެއިޑް ކޮށްފައިވަނީ އާދައިގެ މަތިން ފަތިސްވުމުގެ ކުރިންނެވެ. އަދި ބައެއް މީހުން ހައްޔަރު ކުރި އެ ރެއިޑުގެ ތެރޭގައި، ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންގެ ކުރިމަތިލުމެއް ވަނީ ހިނގާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ، ފަލަސްތީނު މީހުން ގަލާއި އަތުބޮން ފަދަ އެއްޗެހި އެމީހުންނާއި ދިމާލަށް އުކަން ފެށުމުން އެކަމުގެ ރައްދުގައި ކަމަށެވެ.

ފަލަސްތީނުގެ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ އޮމާރް އަށް ދިން ހަމަލާ ކުށްވެރި ކޮށްފައެވެ. އެ ވުޒާރާއިން ބުނެފައިވަނީ، އޮމާރް އަކީ އެ ކޭމްޕުގައި އދ. ގެ ރެފިއުޖީ އޭޖެންސީން ހިންގަމުންދާ ސުކޫލެއްގެ ގްރޭޑް 9 ގައި ކިޔަވަމުންދިޔަ ދަރިވަރެއް ކަމަށެވެ.

އޮމާރް އަކީ މިއަހަރު ފެށުނު ފަހުން މިވީ 16 ދުވަސްތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިން ޝަހީދުކޮށްލި 4 ވަނަ ކުޑަކުއްޖާއެވެ. އަދި މި ދުވަސްތަކުގައި ޝަހީދު ކޮށްލި 14 ވަނަ ފަލަސްތީނުގެ ރައްޔިތެވެ.

1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރި ހިފީއްސުރެ އެގައުމުން އަންނަނީ ރެއިޑްތައް ކުރިއަށް ގެންގޮސް، މީހުން ހައްޔަރުކޮށް، މީހުން ޝަހީދު ކުރަމުންނެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އިސްރާއީލުން، ފަލަސްތީނުގެ އަވަށްތަކަާއި ރެފިއުޖީ ކޭމްޕުތައް ރެއިޑްކުރުމާއި، މީހުން ޝަހީދުކުރުން ވަނީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދާފައެވެ.

އަދި މި ރެއިޑްތަކުގައި އެމީހުންނާއި ކުރިމަތިލާ ފަލަސްތީނުގެ އާންމުންނާއި، އަދި ކަމާއި ނުބެހި ދުރުގައި ތިބޭ މީހުންވެސް އިސްރާއީލުން ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން ހަމަލާދެނީ އެމީހުންނާއި ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ހަނގުރާމަވެރިންނަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ އާންމުންނެވެ.

ކިޔުންތެރިންގެ ހިޔާލު