އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި ބެހޭގޮތުން ބީބީސީ އިން ނެރުނު ޑޮކިއުމެންޓްރީ ބަލަންތިބި, އިންޑިއާގެ ވެރިރަށް ނިއުދިއްލީގ, ޖަވާހިރު ލާލް ނެހްރޫ ޔުނިވާސިޓީގެ ދަރިވަރުންތަކެއްގެ ގަޔަށް ގާ އުކައިފިއެވެ.

ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން އެ ޑޮކިއުމެންޓްރީ ބަލަން އުޅޭ ކަން އިއުލާނުކުރުމުން، ޔުނިވާސިޓީން ވަނީ ކަރަންޓާއި އިންޓަނެޓްވެސް ކަނޑާލާފައެވެ. އެ ޑޮކިއުމެންޓްރީ ބެލުމުން ކެމްޕަސްގެ ހަމަޖެހުން ގެއްލޭނެ ކަމަށް ބުނެ، ކެމްޕަސްގައި ޑޮކިއުމެންޓްރީ ބަލައިފިނަމަ، އަހުލާގީ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔުނިވާސިޓީން ވަނީ އިންޒާރު ދީފައެވެ.

ނަމަވެސް މި ހުރިހާ ކަމަކަށް ފަހުގައިވެސް، ޔުނިވާސިޓީގެ ދަރިވަރުން ވަނީ ރޭ އެ ޑޮކިއުމެންޓްރީ ބަލާފައެވެ. ކަރަންޓު ކަނޑާލުމުން، ދަރިވަރުން ވަނީ ކެފެޓީރިއާ އަށް ގޮސް، އެތަނުގައި ތިބެގެން ފޯނުންނާއި، ލެޕްޓޮޕްތަކުން ޑޮކިއުމެންޓްރީ ބަލާފައެވެ. އަދި ދަރިވަރުން ޑޮކިއުމެންޓްރީ ބަލަން ތިއްބާ، ދުރުގައި ތިބެގެން ބަޔަކު ވަނީ ދަރިވަރުންނާއި ދިމާލަށް ގާ އުކާފައެވެ.

ވާތުފިޔައިގެ ސަޕޯޓަރުން ވަނީ ގާ އުކި ކަމަށް ތުހުމަތު ކުރެވޭ ދެ ދަރިވަރުން ހިފަހައްޓާފައެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެ ދެ ދަރިވަރުންނަކީ ބީޖޭޕީގެ ދަރިވަރުންގެ ގޮފީގެ މެމްބަރުންނެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކަރަންޓު އަނބުރާ ދިނުމަށް ދަރިވަރުންގެ ގުޅުމުން ވަނީ ގޮވާލާފައެވެ. ދަރިވަރުންގެ ގުޅުމުގެ ކުރީގެ ރައީސް ބުނެފައިވަނީ އެ މީހުން ފުލުހުންނަށް ވެސް ގުޅާފައިވާނެ ކަމަށާއި، ނަމަވެސް ފުލުހުން އެ ކޯލުތަކަށް ޖަވާބުދީފައި ނުވާ ކަމަށެވެ.

ޑޮކިއުމެންޓްރީ ބެލުމަށްފަހު، ރޭގެ ލަސް ވަގުތެއްގައި ދަރިވަރުން ވަނީ ފުލުހުންގެ މަރުކަޒު ކައިރިއަށް ގޮސް، އެތަނުގައި މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ހުއްޓާލާފައިވަނީ ފުލުހުން އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

އިއްޔެގެ ވަގުތެއްގައި ހައިދްރާބާދުގެ ދަރިވަރުން ތަކެއްވެސް ވަނީ އެ ޑޮކިއުމެންޓްރީ އަޅުވާފައެވެ. އެކަމާއި ގުޅިގެން ރިޕޯޓެއް ތައްޔާރުކުރުމަށް، ޔުނިވާސިޓީގެ އިދާރާއިން ވަނީ އޮފިޝަލުންނަށް އަންގާފައެވެ.

މީގެ އިތުރުންވެސް އިންޑިއާގެ ދެކުނުގެ ކެރެލާ ގައި ވެސް އެ ޑޮކިއުމެންޓްރީ އަޅުވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

"އިންޑިއާ: ދަ މޯދީ ކުއެޝަން" ކިޔާ މި ޑޮކިއުމެންޓްރީއާއި ގުޅުންހުރި ޔޫޓިއުބް ވީޑިއޯ، އަދި ޓްވީޓްތައްވެސް އިންޑިއާ ސަރުކާރުން އަންގައިގެން މައިކްރޯބްލޮގް އަދި ވީޑިއޯ-ޝެއަރ ކުރާ ވެބްސައިޓްތަކުން ވަނީ ބްލޮކް ކޮށްފައެވެ.

މި ޑޮކިއުމެންޓްރީއާއި ބެހޭގޮތުން އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެއީ އިނގިރޭސިވިލާތުން ޕްރޮޕަގެންޑާ ފެތުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ހަމައެެއާއިއެކު، ޑޮކިއުމެންޓްރީން އެނގިގެންދަނީ އިނގިރޭސިންގެ އިސްތިއުމާރީ ވިސްނުން ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.

ޑޮކިއުމެންޓްެރީގައި 2014 ވަނަ އަހަރު މޯދީ ވެރިކަމަށް އައިފަހުން އިންޑިއާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި އެކަންކަން ހުއްޓުވަން މޯދީގެ ސަރުކާރުން ފިޔަވަޅު ނާޅާ ވާހަކަ ގެނެސްދީފައި ވެއެވެ.

2002 ވަނަ އަހަރު ގުޖްރާތުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގައިވެސް، އޭރު ގުޖުރާތްގެ ޗީފް މިނިސްޓަރުގެ މަގާމގައި ހުންނެވި މޯދީ ޒިންމާވާކަމަށް ޑޮކިއުމެންޓްރީގައި ބުނެއެވެ. އެތައް ބަޔަކު މަރާލި އެ ހަމަނުޖެހުމަކީ އިންޑިއާގެ ތާރީހުގައި ދީނީ ދެކޮޅުވެރިކަމެއްގެ ސަބަބުން ހިނގި، އެންމެ ނުރައްކާތެރި އެއް ގަތުލުއާންމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ.

    ދެން މޯދީ ނުކުރާކަމަކަށްވާނެތަ. ބޮޑު މުޖުރިމެއް.

  2. އަލީ

    މާވަރަކުން ފޮރުވަން އުޅޭނީ ނުބައި ހަދާފަ ހުރީމަ!!