ޔުކްރޭނުން ޓޭންކުތައް ބޭނުންވެގެން، އެތަކެއްޗަށް އެދެމުންދާ ސަބަބު ވަރަށް ސާފެވެ. އެގައުމުން ބުނަމުންދަނީ އެ ޓޭންކުތަކުން، ޔުކްރޭނުގެ ސަރަހައްދުން ރަޝިއާ ސިފައިން ފަހަތަށް ޖައްސަން އެހީވެ، ހަނގުރާމައިގައި ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށެވެ.

ލެޕާޑް 2 ގެ ނަންދީފައިވާ މި ޒަމާނީ ބަރު ޓޭންކުތަކުގެ ބޮޑުބައެއް ޔޫރަޕުގައި އުފައްދަނީ ޖަރުމަނުވިލާތުންނެވެ. ޔޫރަޕުގެ އެކި ގައުމުތަކުގައި މީގެ ގާތްގަނޑަކަށް 2000 އެއްހާ ޓޭންކު އެބަ ހުއްޓެވެ. އަދި މި ހުރިހާ ޓޭންކުތަކެއްގެ އެކްސްޕޯޓް ލައިސެންސް ވެސް އޮތީ ޖަރުމަނުގެ އަތުގައެވެ.

މީގެ މާނައަކީ ޖަރުމަނުން ޓޭންކުތައް ފޮނުވަން ފަސްޖެހެމުންދިޔައިރު، ވީހާވެސް އަވަހަކަށް ޔުކްރޭނަށް ޓޭންކުތައް ފޮނުވަން ބޭނުންވެގެން އުޅުނު ޕޮލެންޑު ފަދަ ގައުމުތަކަށްވެސް އެކަން ކުރުމަށް އޮތީ ހުރަސް އެޅިފައެވެ. އެއީ އެމީހުންނަށް ޖަރުމަނުގެ ފަރަާތުން ރީ އެކްސްޕޯޓުކުރުމުގެ ފެހި ސިގްނަލް ނުލިބޭތީއެވެ.

ޖަރުމަނުން މިހާރު މި ޓޭންކުތައް ޔުކްރޭނަށް ފޮނުވަން އެއްބަސްވެފައިވާ އިރު، އަދި ޔުކްރޭނަށް މި ޓޭންކުތައް ފޯރުކޮށްދެވޭނީ ކޮންއިރަކު އަދި ކިހާވަރަކަށް ކަމެއް ނޭނގެއެވެ. ހަނގުރާމައިގެ ކުރީ ސަފުން މި އުޅަނދުތައް ފެނުމުގެ ކުރިން އަދި އެ އުޅަނދުތައް ބޭނުންކުރަން ޔުކްރޭނުގެ ސިފައިން ތަމްރީނު ވެސް ކުރަން ޖެހޭނެއެވެ.

ނަމަވެސް ރަޝިއާއިން ޔުކްރޭނުގައި އެތައް ހަމަލާތަކެއް ދެމުންދިޔައިރުވެސް، ޖަރުމަނުގެ ފަރާތުން ފެންނަމުންދިޔަ ޖެހިލުންވުމުގެ ސަބަބުން، މިހާތަނަށް ރަޝިއާ އާއި ދެކޮޅަށް ވަރަށް އެއްބައިވަންތަ ކަމާއެކު އޮތް ހުޅަނގުގެ ގައުމުތަކުން ވަނީ ޖަރުމަނަށް ވަރަށް ބޮޑަށް ފާޑުކިޔާ، އެގައުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައެވެ.

ޖަރުމަނުގެ ލެޕާޑް ޓޭންކެއް ތަންރީނެއްގައި ---- ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ ޗާންސެލާ އޯލަފް ޝޯލްޒްއަށް ގޮތެއް ނުނިންމެވުގެ ސަބަބުން، އެ ގައުމާއި، ވެރިކަން ކުރާ ކޯލިޝަނާއި، އަދި ޝޯލްޒްގެ އަމިއްލަ ޕާޓީވެސް އޮތީ ދެބައިވެފައެވެ. ޓޭންކުތައް ފޮނުވާނީތޯ ނުވަތަ ނޫންތޯ ޖަރުމަނުގެ މަޖިލީހުގެ ތެރޭގައި މެމްބަރުންގެ މެދުގައި ހޫނުކޮށް ބަހުސް ކުރެވެމުން ދިޔައިރު، މަޖިލީސް ކުރާ ގޭގެ ބޭރުގައި ވަނީ އެތައް ބަޔަކު މުޒާހަރާވެސް ކޮށްފައެވެ.

މި ހުރިހާ ކަމަކަށް ފަހުގައިވެސް ޗާންސެލާ އަށް އެ ނިންމުން ނިންމަން އެހާ އުނދަގޫވީ ކީއްވެތޯ ސުވާލު އުފެދެއެވެ.

އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެވެނީ، ޖަރުމަނުގެ މިއަދުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައވާ ތާރީހުގެ ބަރު، ބުރައެވެ.

ކުރިއަށް މިއޮތް ހުކުރު ދުވަހަކީ ހޮލޮކޯސްޓުގެ ހަނދާން އާކުރާ ދުވަހެވެ. ޖަރުމަނުގެ މަޖިލީސް ކުރާ ގޭ ހިންގާ ތާރީހީ އިމާރާތުގެ ބޭރުގައި، "އަހަރެމެން ހަނދާނެއް ނުނެތޭނެ" ކަމަށް ލިޔެފައިވާ ބޮޑު ލިޔުމެއް ހަރުކޮށްފައި އެބަހުއްޓެވެ.

ހޮލޮކޯސްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީން ޔޫރަޕުގެ އެތައް މިލިއަން ޔަހޫދީންނެއް މަރާލި ގަތުލުއާންމަށް ކިޔާ ނަމެކެވެ.

ދުނިޔޭގައި ކުރެވުނު ދެ ބޮޑު ހަނގުރާމައިގައިވެސް، އަނިޔާވެރިކަމުގެ މައި ދައުރު އަދާކުރީ ޖަރުމަނު ކަމަށް ވާއިރު، ޔުކްރޭނަށް ޓޭންކުތައް ފޯރުކޮށްދޭ މައި ފަރާތަށް ޖަރުމަނު ވުމާއި މެދުގައި، އެގައުމުގެ އެތައް ބަޔަކު ކަންބޮޑުވުންވެސް ފާޅުކޮށްފައި ވެއެވެ.

ރަޝިއާއިން ޔުކްރޭނަށް އެރިތާ ވަރަށް ކައިރީގައި، މިއީ "މިސްރާބު ބަދަލުކޮށްލާނެ ވަގުތެއް" ކަމަށް ޖަރުމަނުގެ ޗާންސެލަރ ޝޯލްޒް އިއުލާނު ކުރައްވާފައި ވުމަކީވެސް މީގައި ފާހަގަ ކޮށްލަންޖެހޭ ތަންކޮޅެކެވެ. މިއީ ޖަރުމަނާއި އަދި މުޅި ޔޫރަޕާއިވެސް ގުޅުން ހުރި ކަމެކެވެ.

ޖަރުމަނުން ވަނީ އެގައުމުގެ ދުވަސްވެ، ބަލިކަށިވެފައިވާ އަސްކަރިއްޔާއަށް ވަރުގަދައަށް އިންވެސްޓުކުރާނެ ކަމަށާއި، ޔޫރަޕުގެ ދީފާއީ ނިޒާމުގައި އެގައުމުން އަދާކުރާ ދައުރު ވަރުގަދަ ކުރާނެ ކަމަށް ވައުދުވެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ އަސްކަރިއްޔާ ތަންކޮޅެއް މަޑުޖެހިލާފައި އަދި، ސަލާމަތީ ކަންކަމުގައި އެހެން ގައުމުތައް ކުރިއަށް ޖައްސާ، ފަހަތުގައި އޮންނަމުންދިޔަ ޖަރުމަނުން އަޅާފައިވާ ބޮޑު ފިޔަވަޅެކެވެ.

މި ބަދަލުތައް ގެނައުމަށް ހުރަސްތަކަކާއި، ލަސްތަކެއް ކުރިމަތިވެފައިވާއިރު، މިކަން ފުރިހަމަވާކަށް އަދި ގާތެއްވެސް ނުވެއެވެ. ނަމަވެސް މިކަން ޔަގީނުންވެސް ކުރިއަށްދާއިރު، މިއީ ޖަރުމަނުން ކުރިމަތިލާ ވަރަށް ބޮޑު ބަދަލެކެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ލީޑު ނަގަން ޖަރުމަނުން ފެންނަނީ ފަސްޖެހިފައިވާ ތަނެވެ. ނަމަވެސް ޔޫރަޕުގެ އެންމެ ބޮޑު އިޤުތިޞާދުގެ ގޮތުގައި، ޔޫރަޕުގެ ބައިވެރިން ޖަރުމަނުގެ ކިބައިން އެކަމަށް ބޭނުންވެއެެވެ.

ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް އާއި ޔުކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ---

ޓޭންކުގެ ބަހުސް އަށް އެނބުރި އަންނަ އިރު، ޖަރުމަނަށް ދިމާވެފައިވާ އެންމެ ނާޒުކު އަނެއް މައްސަލައަކީ ޖަރުމަނުގެ ޓޭންކުތައް ބޭނުންކުރެވޭނީ ރަޝިއާގެ ސިފައިންނާއި ދެކޮޅަށް ކަމަށްވުމެވެ. ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި މަރާލެވިފައިވާ ރަޝިއާގެ އެތައް މިލިއަން ރައްޔިތުންނެއްގެ މަރުގެ ޒިންމާގެ އިހުސާސް ޖަރުމަނަށް އަދިވެސް ކުރެވެއެވެ.

މިކަމާއި މުޅިން ވަކިނުވާ އަނެއް މައްސަލައަކީ ޖަރުމަނުގެ މުޖުތަމައުގެ ބޮޑުބައެއް، ހާއްސަކޮށް އެ ގައުމުގެ އިރުމަތީގެ ކުރީގެ ކޮމިއުނިސްޓް ސަރަހައްދުތަކުގައި ވަރަށް ގިނަ ބަޔަކު މިހާރުވެސް ހުޅަނގުގެ ގޮތްތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރާއިރު، ސަގާފީގޮތުން އެމީހުން ކައިރީ ރަޝިއާ އާއެވެ.

ޖަރުމަނުގެ ގިނަ ބަޔަކު މި ހަނގުރާމައިގައި ތާށިވެފައި ތިބި ޔުކްރޭނުގެ އާންމުންނަށްޓަކައި ހަމްދަރުދީ ފާޅުކުރި ނަމަވެސް، ކްރިސްމަސްގެ ކުޑަދުވަސްކޮޅެއް ކުރިން ކޮށްފައިވާ ސާވޭއެއްގައި ބައިވެރިވި 40 އިންސައްތަ މީހުން ބުނެފައިވަނީ، ރަޝިއާއިން ޔުކްރޭނަށް އެރުމުގައި ހުޅަނގު ކުށްވެރިކުރާ ސަބަބު ވިސްނޭ ކަމުގައެވެ.

އަދި ބައެއް ފަރާތްތަކުން ބުނާގޮތުގައި ޝޯލްޒްގެ ޕާޓީގެ ބައެއް މެމްބަރުން އެމެރިކާ އާއި، ނޭޓޯގެ މައްޗަށް އޮންނަ އެމެރިކާގެ ނުފޫޒާއި މެދުގައިވެސް އެހާ ހިތްހަމައެއް ނުޖެހެއެވެ.

އަދި މީގެ އިތުރުންވެސް ޔުކްރޭނަށް ޓޭންކު ފޯރުކޮށްދޭ ހަމައެކަނި، އަދި މައިގަނޑު ގައުމަށްވެސް ޖަރުމަނުން ވާން ބޭނުން ނުވީއެވެ. އެމެރިކާއިންވެސް ޓޭންކުތައް ފޯރުކޮށްދޭނަމަ، ޖަރުމަނުންވެސް ތައްޔާރުކަމުގައި އެގައުމުން ކުރިން ވަނީ ބުނެފައެވެ.

ޖަރުމަނުގެ އަނެއް ކަންބޮޑުވުމަކީ، މި ހަނގުރާމަ ފުޅާކުރަނީ ރަޝިއާ ކަމަށް، އިނގިރޭސިވިލާތް، ނެދަލެންޑްސް އަދި ޕޮލެންޑު ހިމެނޭހެން ޔޫރަޕުގެ ގައުުތަކުން ބުނާއިރު، ޔުކްރޭނަށް ބަރު ހަތިޔާރާއި، ހަނގުރާމައިގެ އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުމުން، ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން މާ ވަރުގަދަ ފިޔަވަޅެއް އަޅުއްވާފާނެ ކަމަށް ބިރުގަންނަ ކަމަށް ޖަރުމަނުގެ ވަރަށް ގިނަ ފަރާތްތަކުން ބުނަމުން ދިއުމެވެ. އެގޮތުން ޕޫޓިން ނިއުކްލިއަރ ހަތިޔާރުވެސް ބޭނުން ކުރައްވާފާނެ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކުރެއެވެ.

ޔްކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަޝްވަރާ ކުރުމަށް ގިނ ގައުމުތަކެއްގެ އިސް އޮފިޝަލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

އެމެރިކާއިން ވެސް ޔުކްރޭނަށް ޓޭންކު ފޯރުކޮށްދޭން ޝޯލްޒް އެހާ ބޮޑަށް ބާރުއެޅުއްވީ، އޭރަށް ޔޫރަޕާއި އެކުގައި ނިއުކްލިއަރ ބާރެއް ކަމަށްވާ އެމެރިކާވެސް އޮތް ކަމުގެ ހިތްހަމަޖެހުން ޔޫރަޕަށް އޮންނާނެތީ ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

ކޮންމެއަކަސް މިހާރު މި ޓޭންކުތައް ފޮނުވަން ޖަރުމަނުން ފެހި ސިގްނަލް ދީފައިވާއިރު، ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޖަރުމަނަކީ ޔުކްރޭނަށް އަސްކަރީ އެހީ އެންމެ ބޮޑަށް ފޯރުކޮށްދޭ ތިން ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމެވެ. އަދި އެއީ ޔުކްރޭނަށް އިންސާނީ އެހީވެސް ފޯރުކޮށްދޭ މައިގަނޑު އެއް ގައުމު ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަވިއަނި

    އަސްލު ވާގޮތަކީ ޖަރުމަނު ހިމެނޭހެން އިޔޫރަޕްއަކީ މިނިވަން މުސްތަޤިއްލު ބައެއް ނޫން ޒަޔަނިސްޓުން ކުރިމަތީ “ ނޯ “ ނުބުނެވޭނެ ބައެއް އެއީ މި ކަންކަމުގެ އާޚިރު ނަތީޖާ ނިކުންނާނެ ގޮތް ވަރަށް ގިނަ މީހުންނަށް އެންގޭ ، އޭގެއިން އެކެއް އިނގިރޭސި ސްކޮޓިޝް ޔަހޫދީއެއް ކަމަށްވާ ޖޯޖް ގަލޮވޭއަކީ

    11
  2. ދަރަނި ދަންތުރަ

    ރަސިޔާއިން ވަރުގަދަ ރައްދެއް ދޭނެ ޔުކުރޭނަން ބަލަން ތިބޭ

    10