އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާ އަށް ހަތިޔާރު ފޯރުކޮށްދިނުމަކީ، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ފުޅާވެގެންދާ ކަމެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ކެމްޕޭނު ގުރޫޕަކުން ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ހަތިޔާރު އެކްސްޕޯޓުތަކުން އެތައް ހާސް އާންމުންގެ މަރަށް މަގުފަހިވެފައިވާ ކަމަށް ބުނާ، ހަތިޔާރުގެ ވިޔަފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ 'ކެމްޕޭން އެގެއިންސްޓް އާމްސް ޓްރޭޑް' (ސީއޭއޭޓީ)، އިން ހުށައަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް އިނގިރޭވިލާތުގެ ހައިކޯޓުގައި އިއްޔެ ވަނީ ފަށާފައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި ޖަމިއްޔާއިން ވަނީ، ޔަމަނުގެ 9 އަހަރުވީ ހަނގުރާމައިގައި ބައިވެރިވާ ސައުދީން އިސްވެ އޮންނަ ކޯލިޝަނަށް ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމަށް، 2020 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސައްހަކަމާއި މެދު ގޮންޖަހާފައެވެ.

އިނގިރޭސި ހަތިޔާރުގެ ވިޔަފާރީގެ ގާނޫނީ ސައްހަކަމުގެ މައްޗަށް މި ހަނގުރާމަ ކުރެވެމުންދާތާ އެތައް ދުވަހެކެވެ. ސީއޭއޭޓީ އިން ބުނެފައިވަނީ ހަނގުރާމަ ފެށުނު ފަހުން އިނގިރޭސިިވިލާތުން 28 ބިލިއަން ޑޮލަރުގެ ހަތިޔާރު އެކްސްޕޯޓު ކޮށްފައިވާ ކަމަށެވެ.

ސީއޭއޭޓީ އިން ވަނީ މި ފަދަ މައްސަލައެއް 2019 ވަނަ އަހަރުވެސް ކާމިޔާބު ކޮށްފައެވެ. އިސްތިއުނާފު ކޯޓުގެ ފަނޑިޔާރުން އޭރު ބުނެފައިވަނީ ޔަމަނުގެ ހަނގުރާމައިިގައި ބޭނުން ކުރުން އެކަށީގެންވާ ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެމުން ގެންދިއުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. ކޯޓުން ބުނެފައިވަނީ އެ ހަތިޔާރުތައް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ބޭނުންކުރެވޭނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ކޯޓުގެ ހުކުމަށްފަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ވަގުތީ ގޮތުން ހަތިޔާރުގެ ވިޔަފާރި ހުއްޓާލާފައެވެ. އެކްސްޕޯޓު ކުރެވޭ ހަތިޔާރު ބޭނުންކޮށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ "ސާފު ހިރާސްއެއް" އޮތް ނަމަ، ހަތިޔާރު އެކްސްޕޯޓު ކުރުން އިނގިރޭސި ގާނޫނުން ހުއްދައެއް ނުކުރެއެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ މެދު ތެރެއިން، ސަރުކާރުން އަލުން ބެލުމަށްފަހު، އޭރުގެ ބޮޑުވަޒީރު ލިޒް ޓްރަސް ގެ އަމުރަށް، އަލުން ވަނީ އެކްސްޕޯޓްތައް ފަށާފައެވެ.

ސަރުކާރުގެ ރިވިއުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން ބައިނަލް އަގުވާމީ ގާނޫނުތަކާއި ހިލާފުވުމުގެ ފުރުސަތު އޮތީ "މަދު، ވަކި ވަކި ފަހަރު ތަކެއްގައި" ކަމަށެވެ.

ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އިނގިރޭސިންގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއިންވެސް ވަނީ ސައުދީއަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ފިޔަވަޅުތަކެއް އަޅާފައި ނަމަވެސް، ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުން ގެންދިޔައީ ސައުދީއަށް ހަތިޔާރު ފޯރުކޮށް ދެމުންނެވެ.

ކަން މިހެން އޮތް އިރު، ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުންނާއި، ހަތިޔާރުގެ ވިޔަފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ސަރުކާރުގެ ރިވިއުއާއި، އޭގެ ހޯދުންތަކުގެ ސައްހަ ކަމާއި މެދުގައި ސުވާލު އުފައްދާފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ޔަމަނާއި ބަހްރެއިންގެ މަސްރަހު ދިރާސާ ކުރާ ނިކޫ ޖަފާނިއާ ބުނެފައިވަނީ، ރަޝިއާއިން ބައިނަލް އަގުވާމީ ގާނޫނުތަކާއި ހިލާފުވާކަމަށް އިނގިރޭސިވިލާތުން ގޮވަމުންދާއިރު، އެ ގަވާއިދުތައް އަމިއްލަ އަށްވެސް ތަންފީޒުކުރަން ޖެހޭ ކަމަށާއި، ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ސީއޭއޭޓީގެ ތަރުޖަމާނު އެމިލީ އެޕަލް ބުނެފައިވަނީ ސަރުކާރުން ވިސްނަނީ ހަނގުރާމައިގެ ޖަރީމާތަކާއި މެދުގައި ނޫންކަމަށާއި، ލިބޭ ފައިދާތަކާއި މެދުގައި ކަމަށެވެ. އޭނާ ބުނެފައިވަނީ މި މައްސަލަ ހުށައަޅާފައިމިވަނީ އިންސާފު ހައްގުވާ ޔަމަނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"އިނގިރޭސިވިލާތުގެ ބޮންތައް އާންމުން މަރައި، ތަންތަން ސުންނާފަތި ކުރާއިރު، އިނގިރޭސިވިލާތުގެ ހަތިޔާރު ވިއްކާމީހުންނަށް ފައިދާ ވާތަން ބަލާކަށް އަހަރެމެންނަކަށް ނުތިބެވޭނެ." އެމިލީ ބުނެފައި ވެއެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2014 ވަނަ އަހަރު، އިރާނުން ވާގިވެރިވާ ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފުމާއި ގުޅިގެންނެވެ. 2015 ވަނަ އަހަރު ސައުދީ އިން އިސްވެ އޮތް ކޯލިޝަނުން ޔަމަނުގެ ސަރުކާރާއި ގުޅުމުން، ހަނގުރާމަ ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. މި ކޯލިޝަނަށް އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭހެން ހުޅަނގުގެ އެކި ބާރުތަކުން އެހީވެއެވެ.