އިނގިރޭސި ވިލާތުގެ ކީންސްގައި ކުއްތާއެއް، ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ހަމަލާދީ ރޭ މަރާލައިފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި ކީންސްގައި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ހަމަލާދީ މަރާލީ ގޭގެ ބަގީޗާގައި ކުޅެން ހުއްޓާއެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެކުއްތާއަކީ މީގެ ހަ ހަފްތާ ކުރިން އެމީހުން ގޭގައި ގެންގުޅެން ގެނައި ކުއްތާއެކެވެ.

އެމީހުންގެ އަވަށްޓެރިން ބުނާ ގޮތުގައި ކުއްތާ އެކުއްޖާއަށް ހަމަލާ ދިނުމުން އޭނަގެ މަންމަ ހަޅޭއްލަވާ އަޑަށް ނުކުމެ ބަލާލިއިރު ކުއްތާ އެ ކުއްޖާއަށް ހަމަލާދެނީއެވެ.

ފުލުހުންނާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހަވީރު ފަހެއް ޖަހާކަން ހާއިރު ކުއްތާއެއް ކުޑަކުއްޖަކަށް ހަމަލާދިން ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް ކުއްތާ ހިފާ ހައްޔަރުކޮށް ވަނީ މަރާލާފައެވެ. އަދި މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުއްތާ ހިފާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ކުއްތާ ހަމަލާދީފާނެތީ އެސަރަހައްދުގެ މީހުން ގެއިން ބޭރަށް ނުނުކުތުމަށް ފުލުހުން ވަނީ އަންގާފައެވެ. އިންސާނުންނަށް ހުރި ނުރައްކަލެއް ކަމަށްބުނެ ކުއްތާގެ ގަޔަށް ބަޑިޖަހާ އެކުއްތާ މަރާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަވަށްޓެރިންނާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެކުއްޖާއަކީ އެދެމެފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށާއި އެގޭގައި ކުއްތާއެއް އޮންނަ ކަމެއް ނޭނގޭ ކަމަށެވެ. އަދި ދުވަހަކުވެސް އެކުއްޖާ ކުއްތާއެއް ގެންގުޅޭތަން ނުފެންނަ ކަމަށް އަވަށްޓެރިން ބުނެއެވެ.