އިންޓަނެޓް ޗެލެންޖެއްގައި ބޭހެއް ބޭނުންކުރުމުގެ ސަބަބުން، މެކްސިކޯގައި 15 ދަރިވަރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މެކްސިކޯގެ ގުއަނޮހުއާޓޯ ސިޓީގައި، ގްރޭޑް ފަހެއް އަދި ހައެއްގައި ކިޔަވަމުން ދިޔަ، އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ދަރިވަރުންތަކެއް ވަނީ "ޓްރެންކް ޗެލެންޖް" ކިޔާ ޓިކްޓޮކް ޗެލެންޖެއްގައި ބައިވެރިވެފައެވެ. މި ޗެލެންޖުގައި އެ ކުދިން ވަނީ ނިދި އައިސް ހެއަށް ގޮތް ވާ ކަހަލަ ބޭހެއް (ޓްރެންކިއުލައިޒަރ) ކެއުމަށްފަހު، އެންމެ ގިނަ އިރު ހޭލާ ހުރެވެނީ ކާކަށްތޯ ބެލުމަށް އެކަކު އަނެކަކަށް ޗެލެންޖުކޮށްފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިކަމާ ގުޅިގެން މެކްސިކޯގެ ސިއްހީ އިދާރާތަކުން ގައުމީ އިންޒާރެއްވެސް ނެރުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މިއީ މިދިޔަ އަހަރު ތެރޭގައި މެކްސިކޯއިން މިފަދަ ހާދިސާއެއް ރިޕޯޓުކުރި ހަތަރު ވަނަ ސުކޫލެވެ.

މީގެ ހަފްތާތަކެއް ކުރިން މެކްސިކޯ ސިޓީ އިންވެސް ޓްރެންކިއުލައިޒަރ ބޭނުންކޮށްގެން އަށް ދަރިވަރަކު ބަލިވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު، މޮންޓެރޭ އިން ވަނީ ތިން ކޭސް ރިޕޯޓް ކޮށްފައެވެ.

ގުއަނޮހުއާޓޯ ގެ މޭޔަރު އަލެހާންޑްރޯ ނަވާރޯ ވިދާޅުވެފައިވަނީ، އެ ދަރިވަރުންނަށް ފަރުވާ ދީފައިވަނީ ސުކޫލުގައި ކަމަށެވެ. އަދި ދަރިން މީސްމީޑިއާ ބޭނުންކުރާ ގޮތް ގާތުން ބެލުމަށް އެލެހާންޑްރޯ ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

"ގަވާއިދެއްގެ ގޮތުން، އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވެސް މީސްމީޑިއާ އެކައުންޓު ހުރެގެން ނުވާނެ، އެއީ ފުރަތަމަވެސް ގެއްލުން ހުރި ކަމެއް." އަލެހާންޑްރޯ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

"އަހަރުމެން ޖެހޭނެ ދަރިންނަށް އަޅާލަން، ލޯބި ދޭން، އަދި އެކުދިން ކުރާ ކަންތައް ވަރަށް ރަނގަޅަށް ބަލަން. މި މެސެޖަކީ މަންމައިންނަށާއި، ބައްޕައިންނަށާއި، އާއިލާގެ އިސް މީހުންނަށް ދޭ މެސެޖެއް. އަންހެން ކުދިންނާއި ފިިރިހެން ކުދިންނަކަށް ނޫން. އުސޫލެއްގެ މަތިން އެކުދިންނަކަށް މި މެސެޖެއް ނުފެންނާނެ، އެއީ އެކުދިންގެ މީސްމީޑިއާ އެކައުންޓްތައް ހުންނަން ނުޖެހޭނެތީ." އޭނާ ވިދާޅުވެފައި ވެއެވެ.

މެކެސިކޯގެ ސިއްހަތާ ބެހޭ އިދާރާއިން ޓްރެންކިއުލައިޒަރ ގެ ނުރައްކާތެރި ކަމާއި ބެހޭގޮތުން ފުރަތަމަ އެލާޓް ނެރެފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ބޭސް ސިޓީ އާއި ނުލާ އެ ބޭސް އެއްވެސް ފިހާރައަކުން ވިއްކާ ނަމަ ރިޕޯޓް ކުރުމަށްވެސް އެ އިދާރާއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އިދާރާތަކުން ބުނެފައިވަނީ ސިއްހީ އެހީތެރިޔެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އެ ބޭސް ބޭނުންކޮށްފިނަމަ، ނިދި އައުމާއި، ހެއަށް ގޮތް ވުމާއި، ހޮޑުލަވާ ގޮތް ވުމާއި، ވިސްނުމާއި ހަނދާނަށް ނޭދެވޭ އަސަރު ކުރުމާއި، މަސައްކަތްތައް ކުރަން އުނދަގޫވުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވާ ކަމަށެވެ. އަދި ނޭވާލަން އުނދަގޫވުން ފަދަ މާ ސީރިއަސް ގޮތްތައް ވުމުގެ ފުރުސަތު ވެސް އޮންނަ އިރު، އެ ބޭސް ބޭނުން ކޮށްފިނަމަ ކޯމާއަކަށް ދިއުން ނުވަތަ މަރުވުން ވެސް އެކަށީގެންވެއެވެ.