އިސްރާއީލުން ފަލަސްތީނާ މެދު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ބާސެލޯނާ އިން ވަގުތީ ގޮތުން އިސްރާއީލާ ގުޅުން ކަނޑާލައިފިއެވެ.

އަމިއްލަ ވެރިކަމެއް ކުރާ ކެޓަލޯނިއާ ކޮމިއުނިޓީގެ ވެރިރަށް ބާސެލޯނާ އާއި، އިސްރާއީލުގެ ތެލް އަވީވް އަދި ފަލަސްތީނުގެ ޣައްޒާ އާއި އެކު ޓްވިނިންގް އެއްބަސްވުންތަކެއް އޮވެއެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން" އިސްރާއީލުން ހުއްޓާލަންދެން ބާސެލޯނާ އިން އިސްރާއީލާއެކު އޮތް ގުޅުންތައް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން އެންގުމަށް، ބާސެލޯނާގެ ވާތު ފިޔައިގެ މޭޔަރު އެޑާ ކޮލައު ވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބެނަޖަމިން ނަތަންޔާހޫ އަށް ސިޓީ އެއް ފޮނުއްވައިފައެވެ.

"އިސްރާއީލުގެ ދައުލަތާއި، ދައުލަތުގެ ރަސްމީ އިދާރާތަކާއި އެކު އޮތް ގުޅުންތައް، އޭގެ ތެރޭގައި ތެލް އަވީވް ސިޓީ ކައުންސިލާއެކު އޮތް ޓްވިނިންގް އެއްބަސްވުންތައްވެސް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓަން ދެން، އަދި އދ. ގެ ގަރާރުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކުން ލާޒިމް ކުރާ ކަންތައްތައް ތަންފީޒު ކުރަންދެން ސަސްޕެންޑު ކުރަން ނިންމައިފީމެވެ. އަހަރެމެންނަށް ހިމޭނަކުން ނުތިބެވޭނެ." މޭޔަރު ލިޔުއްވާފައި ވެއެވެ.

އިސްރާއީލުގެ މި ބޮއިކޮޓްގެ ތެރޭގައި "މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރާ" އިސްރާއީލު އަދި ފަލަސްތީނު މީހުން ނުހިމެނޭ ކަމަށްވެސް އެޑާ ވަނީ ވިދާޅުވެފައެވެ.

އެޑާ ވިދާޅުވީ ބައިނަލް އަގުވާމީ ސިޔާސީ ދާއިރާގެ ތެރޭގައި އާންމުކޮށް ބައިވެރިނުވާ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ، އިސްރާއީލާއި އެކު އޮތް ގުޅުން ކަނޑާލުމަށް 100 ޖަމިއްޔާއިންނާއި، 4000 އަށްވުރެ ގިނަ ރައްޔިތުން ސޮއި ކޮށްފައިވާ އެދުމެއް ލިބިވަޑަިގަތުމަށް ފަހުގައި ކަމަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކަށްފަހު، 100 އަށްވުރެ ގިނަ އެންޖީއޯ ހިމެނޭ ފެޑެރޭޝަނެއް ކަމަށްވާ 'އޮގަނައިޒޭޝަން ފޮރ ގްލޯބަލް ޖަސްޓިސް' އިން ވަނީ ތެލް އަވީވް އާއި އެކު އޮތް ޓްވިން ސިޓީ ގުޅުން ކަނޑާލުމަށް ބާސެލޯނާއަށް ގޮވާލާފައެވެ.

އެޑާ މި ފިޔަވަޅު އަޅުއްވާފައި މިވަނީ ސްޕެއިންގެ ލޯކަލް އިންތިހާބަށް ދެމަހަށް ވެފައި ވަނިކޮށެވެ. އަދި މިއީ އޭނާގެ ވާތު ފިޔައިގެ ސަޕޯޓަރުންގެ ތާއީދު ހޯދުމުގެ އުކުޅެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.

އިސްރާއީލުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިއޯ ހައިއަތް ވަނީ މިއީ ބާސެލޯނާގެ ރައްޔިތުންގެ އެދުމާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށްބުނެ، މި ފިޔަވަޅު ކުށްވެރިކޮށްފައެވެ.

ސްޕެއިންގެ ޔަހޫދީންގެ ޖަމިއްޔާއިން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

"އިސްރާއީލަކީ ދުނިޔޭގައި އޮތް ހަމައެކަނި ޔަހޫދީ ގައުމު. އެ ސަބަބަށްޓަކައި އަހަރެމެން ގަބޫލުކުރަނީ މި ނިންމުމަކީ ސިޔާސީ، ނުވަތަ އިންސާނީ ހައްގުތަކާއި، ނުވަތަ ސުލްހަ އާއި އެއްވެސް ގުޅުމެއް ހުރި ނިންމުމެއް ނޫންކަމަށް. މީގެ ނަމަކީ ޔަހޫދީންނާއި ދެކޮޅުވުން." އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި ފިޔަވަޅުގެ ސަބަބުން ބާސެލޯނާގެ ވާތު ފިޔައިގެ ސަރުކާރުވެސް އޮތީ ދެބައިވެފައެވެ.

އެޑާއަކީ ސްޕެއިންގެ ވާތު ފިޔައިގެ ކޯލިޝަން ސަރުކާރުގެ ޖޫނިއަރ ބައިވެރިއެއް ކަމަށްވާ ޔުނައިޓެސް ވީ ކޭން ޕާޓީއާ ގުޅުން ހުރި ބޭފުޅެކެވެ. ބާސެލޯނާގައި އޮންނަ ކަޓަލަން ސޯސިއަލިސްޓް ޕާޓީގެ ލީޑަރު ލިއާ ބޮނެޓް ވަނީ ބާސެލޯނާ އާއި ތެލް އަވީވް ގެ ގުޅުން އިއާދަ ކުރުމަށް އެޑާ އަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ބާސެލޯނާގެ ރޯލު ބަލިކަށިކުރަންވީ ނޫން ކަމަށާއި، ވަރުގަދަ ކުރަންވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޯޔާ

    ރަނގަޅު ނިންމުމެއް. މިވަރުވެސް ބައެއް އިސްލާމީ ގައުމުތަކަށް ނުވޭ.

    35
    1
  2. ޢާދަނާ

    މިވަރުވެސް މިސައުދީއަށްނުވޭ! ސައުދީގަ މިހާރު ވެރިކަންކުރަނީ ޖަނަވާރެއް! މުހަންމަދު ޖަނަވާރު،

    9
    1