ތުރުކީއަށް މިދިޔަ ހޯމަ ދުވަހު އައި 7.8 މެގެނެޓިއުޑްގެ ބިންހެލުމަށްފަހު މިހާތަނަށް އައި ލޮޅުންތަކުގެ އަދަދު 1500 އަށް އަރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާއިން ބުނާގޮތުގައި މިހާތަނަށް އައި ލޮޅުންތަކުގެ އަދަދު 1509 އަށް ވަނީ އަރާފައެވެ.

މިއީ ތުރުކީއަށް ފާއިތުވެދިޔަ އަހަރުތަކުގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ތުރުކީ އާއި ސީރިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެތައް އިމާރާތެއް ބިމާ ހަމަވެ، މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަން ޖެހިފައި ވެއެވެ.

މި ބިންހެލުމުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 21000 އަށްވުރެ މައްޗަށް އަރާފައެވެ.

ތުރުކީގެ އިސްތަންބޫލަށް 1999 ވަނަ އަހަރު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދަށް ވުރެ މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިސްތަންބޫލަށް 1999 ވަނަ އަހަރު އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 18،000 އަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

މިއަދާއި ހަމައަށް އައިއިރު އެންމެ ފަހުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 18،342 އަށް އަރާފައެވެ. އަދި ސީރިއާގައި މަރުވި މީހުންގެ އަދަދު ވަނީ 3،377 އަށް އަރާފައެވެ.

ތުރުކީގެ ޖިއޮލޮޖިކަލް ލޮކޭޝަންގެ ސަބަބުން ބޮޑެތި ބިންހެލުންތައް އައުމުގެ ފުރުސަތު ބޮޑެވެ.

ތުރުކީގެ އިރުއުތުރުގައި 1939 ވަނަ އަހަރު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 32،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ލަފާކޮށްފައިވެއެވެ.