ގްރީސްގައި ފަސިންޖަރުން އުފުލާ ރޭލަކާއި، މުދާ އުފުލާ ރޭލެއް ޖެހި، މަދުވެގެން 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ ލަސް ގަޑިއެއްގައި، ގްރީސްގެ މެދުތެރޭގައި އޮންނަ ލަރިއްސާ ސިޓީގެ ބޭރުގައެވެ. އެކްސިޑެންޓް ހިނގީ އެތެންސް އިން ތެސަލޮނިކީ އަށް ފަސިންޖަރުންނާއި އެކު ދަތުރު ކުރަމުން ދިޔަ ރޭލެއް، ތެސަލޮނިކީ އިން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ރޭލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި ރޭލުގެ ތިން ބައި ވަކިވެ، ވަނީ އަލިފާން ރޯވެފައެވެ.

"32 މީހުން މަރުވެފައިވާ ކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި." އަލިފާން ނިވާ ޑިޕާޓްމެންޓްގެ ތަރުޖަމަާނު ވިސިލިސް ވަތްރަކޮގިއާނިސް ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި މަދުވެގެން 85 މީހުން ވަނީ އެކްސިޑެންޓުގައި ޒަހަމް ވެފައެވެ.

ރޭލުގެ ބައެއް އެއްކޮށް ހަލާކުވެފައި --- ފޮޓޯ: ރޮއިޓާސް

"ދެ ރޭލު ޖެހުނީ ވަރަށް ބާރަށް،" އެ ސަރަހައްދުގެ ގަވަރުނަރު ކޮންސްޓަންޓިނޯސް އަގޮރަސްޓޯސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޭލުގެ ކުރީކޮޅުގެ ހަތަރު ބައި ވަކިވެފައިވާ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ދެބައި އެއްކޮށް ސުންނާފަތި ވެފައިވާ ކަމަށެވެ.

އަގޮރަސްޓޯސް ވިދާޅުވީ 250 އެއްހާ ފަސިންޖަރުން ރައްކާތެރިކަމާއި އެކު ރޭލުން ނެރެ، 130 ކިލޯމީޓަރު ދުރުގައި އޮތް ތެސަލޮނިކީ އަށް، ބަހުގައި ފޮނުވާލާފައިވާ ކަމަށެވެ.

ވަކިވެފައިވާ ރޭލުގެ ކެރިއޭޖުތަކާއި، ފުރޮޅިފައިވާ ކާގޯ ކޮންޓެއިނަރުތައް މަގުމަތީގައި ހުންނަ މަންޒަރު، އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. ރެސްކިއު މަސައްކަތް ތެރިން ދިޔައީ އަލިގަދަ ބައްތިތަކާއި އެކު، ތާށިވެފައިވާ ފަސިންޖަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"އަހަރެންގެ މުޅި އުމުރުގައިވެސް ދުވަހަކުވެސް މިކަހަލަ ކަމެއް ނުދެކެން. މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް. ފަސް ގަޑި އިރު ފަހުން، އަދިވެސް މަރުވެފައިވާ މީހުންގެ ހަށިތައް އެބަ ފެނޭ." ރެސްކިއު މަސައްކަތް ތެރިއަކު ބުނެފައިވެއެވެ.

އެކްސިޑެންޓްގައި ސަލާމަތް ވީ މީހަކު ބުނީ މިއީ ވަރަށް ބިރުވެރި ތަޖުރިބާ އެއް ކަމަށެވެ. އޭނާ ބުނީ އޭނާ އަށް އަނިޔާއެއް ނުވިނަމަވެސް، ކައިރީގައި ތިބި އެހެން މީހުންނަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ގައިގައިވެސް ހުރީ އެެހެން މީހުންގެ ލޭ އުނގުޅިފައި ކަމަށެވެ.

ބައެއް މީހުން ބުނެފައިވަނީ ހީވީ ވަރުގަދަ ބިންހެލުމެއް އައި ކަމަށް ކަމަށެވެ.

ރޭލު އޮޕަރޭޓް ކުރާ "ހެލެނިކް ޓްރެއިން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޭލުގައި އެވަގުތު 350 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ.