"ގާތްގަނޑަކަށް 12 ދުވަހުގެ ތެރޭގައި" އިރާނަށް، އެއް ނިއުކްލިއަރ ބޮމަށް ވާ ވަރަށް ފިސައިލް ތައްޔާރު ކުރެވިދާނެ ކަމަށް އެމެރިކާގެ ދިފާއީ ޑިޕާޓްމެންޓްގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުން ތަންފީޒު ކުރެވެމުން ދިޔަ އިރު، ލަފާކުރެވިފައިވަނީ އެވަރަށް ފިސައިލް އުފެއްދުމަށް އިރާނަށް 1 އަހަރު ނަގާނެ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ޕޮލިސީގެ އަންޑަރ ސެކެޓްރީ ކޯލިން ކަހްލް މިހެން ވިދާޅުވެފައިވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިިރީ ގޭގައި ވާހަކަ ދައްކަވަމުންނެވެ. ކަހްލް މިހެން ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުން އަލުން އިއާދަ ކުރަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ބޭނުންވަނީ ކީއްވެތޯ ރިޕަބްލިކަނުންގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ،

"ސަބަބަކީ އަހަރެމެން އެ ނިއުކްލިއަރ އެއްބަސްވުމުން ބޭރުވީ ފަހުން، އިރާނުގެ ނިއުކްލިއަރ މަސައްކަތްތައް ވަނީ ވަރަށް ކުރިއަރާފައި ކަމަށް ވާތީ. 2018 ވަނަ އަހަރު، އޭރުގެ ސަރުކާރުން މި އެއްބަސްވުމުން ވަކިވާން ނިންމި އިރު، އެއް ބޮމަށް ވާ ވަރަށް ފިސައިލް އުފެއްދުމަށް އިރާނަށް ގާތްގަނޑަކަށް 12 މަސް ނަގާނެ. މިހާރު ނަގާނީ ގާތްގަނޑަކަށް 12 ދުވަސް." އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓްގެ ތިންވަނަ އަށް އެންމެ މަތީ ރޭންކުގެ އޮފިޝަލް ވިދާޅުވިއެވެ.

"އެހެންވީމާ އަހަންނަށް ހީވާގޮތުން އަދިވެސް ގަބޫލު ކުރެވެނީ މި މައްސަލަ ޑިޕްލޮމެޓިކް ގޮތަކަށް ހައްލުކޮށް، އެމީހުންގެ ނިއުކްލިއަރ ޕްރޮގްރާމު ފުޅާވިޔަ ނުދިނުމަށް އަލުން ފިޔަވަޅުތައް އެޅެން އޮތިއްޔާ، އެހެން އެއްވެސް ގޮތަކަށް ވުރެ ރަނގަޅުވާނީ އެގޮތް ކަމަށް. އެކަމަކު މިވަގުތު އެއްބަސްވުން އޮތީ ގަނޑުފެނުގެ މަތީގައި." ކަހްލް ވިދާޅުވިއެވެ.

ކުރިންވެސް އެމެރިކާއިން ވަނީ، އިރާނުން ބޭނުން ވެއްޖެނަމަ އެއް ނިއުކްލިއަރ ބޮން އުފެއްދޭ ވަރަށް ފިސައިލް ތައްޔާރު ކުރަން ނަގާނެ މުއްދަތު ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާ ކުރެވުނު މުއްދަތު އުޅުނީ ހަފްތާ ތަކުގައެވެ. މީގެ ކުރިން އެއްވެސް ފަހަރަކު ކަހްލް ވިދާޅުވިހާ ސީދާ މުއްދަތެއް އެމެރިކާ އިން ލަފާކޮށްފައެއް ނުވެއެވެ.

އިރާނުން ފިސައިލް އުފެއްދުމާއި ގާތަށް ޖެހިލައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނި ނަމަވެސް، ބޮމެއް އުފެއްދޭ ވަރަށް ޓެކްނޮލޮޖީ އިރާނަށް ތަރައްގީ ކުރެވިފައިވާ ކަމަކަށް އެމެރިކާ އިން ގަބޫލެއް ނުކުރެއެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގައި، އިގުތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތަކުން އިރާނަށް ލުއިދޭ މަތިން އިރާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ފުޅާ ނުކޮށް ވަކި ވަރެއްގައި ކޮންޓްރޯލް ކުރުމަށް އެއްބަސްވެފައެވެ.

ނަމަވެސް 2018 ވަނަ އަހަރު، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމުން ބޭރުވެ، އިރާނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައެވެ. އަދި އެކަމާއި ވިދިގެން އިރާނުން ވަނީ ކުރިން ހުއްޓާލާފައި އޮތް ނިއުކްލިއަރ މަސައްކަތްތައް ފަށައިގެންފައެވެ. އެއާއެކު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، އަދި އިސްރާއީލުގެ، އިރާނުން ނިއުކްލިއަރ ބޮމެއް އުފައްދާފާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ. އިރާނުން ބުނަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށެވެ.

މިދިޔަ ދެ އަހަރުވެސް ބައިޑަންގެ ސަރުކާރުން ވަނީ އެއްބަސްވުން އަލުން އިއާދަކުރަން މަސައްކަތް ކޮށްފައެވެ ނަމަވެސް އެމަސައްކަތަށް އެއްވެސް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢ

    ޢެމެރިކާއިން އަނެއްކާ މުސްލިމްގައުމެއް ފުމްޑާލާގެ ގޮތެއްހޯދުމައް މަސަތްކަތްފެށީ

    17
  2. ޖުހާ.

    އިރާގަށް ހެދިހެން އީރާނަށް ނުހެދޭނެ. މިފަހަރު ފުނޑޭނީ ތިއަ އެމެރިކާ.