އިރާނުގެ އަންހެން ކުދިންގެ ސްކޫލް ތަކަކަށް އިއްޔެ ގޭހުގެ ހަމަލާތަކެއް ދީފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. މީޑިއާތަކުން ބުނެފައިވަނީ ހަމަލާތަކަށް ފަހު 100 އަށް ވުރެ ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށެވެ.

އިރާނުގެ އެކި ހިސާބުތަކުގައި، އަންހެން ދަރިވަރުންގެ ތެރެއިން ނޭވާލާން ދަތިވެގެން އެތައް ސަތޭކަ ވޭދަނައެއް ވަނީ ރިޕޯޓް ކޮށްފައެވެ. ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ މިއީ އަންހެން ކުދިންގެ ސްކޫލުތައް ބަންދު ކުރަން މަޖުބޫރު ކުރުވުމުގެ ގޮތުން ކުރާ ކަމަކަށް ވެދާނެ ކަމަށެވެ.

އެންމެ ފަހުން އިއްޔެ ދިން ހަމަލާތައް ވަނީ އަންހެން ކުދިންގެ 10 ސްކޫލަކަށް އަމާޒުވެފައެވެ. އޭގެ ތެރެއިން ހަތް ސްކޫލަކީ ހުޅަނގު އުތުރުގައި އޮންނަ އަރްދަބިލް ގެ ސުކޫލްތަކަށް ވާއިރު، ތިން ސުކޫލަކީ ވެރިރަށް ތެހެރާން ގައި ހުރި ސްކޫލްތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަރްދަބިލްގައި ދިން ހަމަލާތަކުގައި 108 ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށާއި، އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނުވާކަމަށް އިރާނުގެ ތަސްނީމް ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ބެލެނެވެރިންނާ ހަވާލާދީ ފާސް ނޫހުން ބުނެފައިވަނީ، ތެހެރާންގެ ދެކުނުގައި ހުންނަ ހައިސްކޫލެއްގެ ދަރިވަރުންތަކަކަށް ވަނީ ވިހަ ސްޕްރޭއެއްގެ އަސަރު ކޮށްފައި ކަމަށެވެ. އެނޫހުން އެކަމާއި ގުޅިގެން އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ފާސް ނޫހުން ބުނެފައިވަނީ ސަލާމަތީ ބާރުތަކުން މި ހަމަލާތަކާއި ގުޅިގެން ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއީ މި ފަހުން އަންހެން ކުދިންގެ ސުކޫލްތަކަށް ދެމުންދާ ވިހައިގެ ހަމަލާތަކާއި ގުޅިގެން އަދި ބަޔަކު ހައްޔަރު ކުރެވުނު ކަމަށް ރިޕޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އިރާނުގައި ދެމުންގެންދާ ވިހައިގެ ހަމަލާތަކުގައި، ނޭވާލުމަށް ދަތިވެގެން ގާތްގަނޑަކަށް 1200 އެއްހާ ދަރިވަރުންނަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އިރާނުގެ އިސް އޮފިޝަލަކު އިއްޔެ ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން 800 ކުދިންނަކީ ތެހެރާންގެ ދެކުނުގައި އޮންނަ ޤުމް ގެ ކުދިން ކަމަށާއި، 400 ކުދިންނަކީ ހުޅަނގުގެ ބޮރުޖާޑް ސިޓީ ގެ ކުދިން ކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ސިއްހަތު ކޮމިޓީގެ ތަރުޖަމާނު ޒަހްރާ ޝޭޚީ ވިދާޅުވެފައި ވެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން، ޤުމް އިން ފެނުނު ވިހައިގެ ޓެސްޓުތައް ހެދުމުން، އޭގައި، ގަސްކާނާގައި އާންމުކޮށް ބޭނުންކުރާ މާއްދާއެއް ކަމަށްވާ ނައިޓްރޯޖެން ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މަޖިލީހުގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން އިރާނުގައި ވަނީ ރުޅިވެރިކަން ފެތުރިފައެވެ. އެގޮތުން މި ހަމަލާތައް އަމާޒުވާ ސްކޫލުތައް އިތުރުވަމުން ދާއިރުވެސް، ސަރުކާރުން އަޅާނުލާ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އާދީއްތަ ދުވަހު، އިރާނުގެ ޑެޕިއުޓީ ހެލްތް މިނިސްޓަރު ޔޫނުސް ޕަނާހީ ވިދާޅުވީ އަންހެން ކުދިންނަށް ތައުލީމު ދިނުން ހުއްޓުވުމުގެ މަގުސަދުގައި ޤުމްގެ ބައެއް މީހުންނަށް ޒަހަރު ދީފައިވާ ކަމަށެވެ.

އެކްޓިވިސްޓުން، މި ހަމަލާދޭ މީހުން އެއްގޮތް ކުރަނީ އަންހެން ކުދިންގެ ތައުލީމަށް ދެކޮޅު ހަދާ އަފްޣާނިސްތާނުގެ ޠާލިބާނުންނާއި، ސާހިލް ސަރަހައްދުގައި ހަރަކާތްތެރިވާ ބޮކޯ ހަރާމް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އީރާނަކީ އަންހެންކުދިންގެ ތައުލީމު މަހުރޫމުކުރަން މަސައްކަތްކުރާ ގައުމެއް ކަމަށް ދެއްކުމަށްޓަކައި، ހުޅަނގުގެ އެޖެންޓުން ގެންދަނީ އީރާނުގެ އަންހެންކުދިންގެ ސްކޫލްތަކަށް ހަމަލާދީ އަދި އީރާނަކީ އަންހެންކުދިންނަށް ިރައްކާތެރި ނޫން ގައުމެއް ކަމަށް ދުނިޔެއަށް ދެއްކުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

    9
    1
  2. ޖުހާ.

    ޔޫރަޕުގެ ޒަޔަނިސްޓުން ހިންގާ ޖަރީމާ، އީރާނަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގައުމެއް. ސަޢުދީއަށްވުރެ ހާްސްގުނަ ރަނގަޅުވާނެ.