2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓްވިން ޓަވަރުތަކަށް ދިން ނިރުބަވެރި ހަމަލާ އަށް ފަހު އެ ސިޓީގައި ފެތުރުނު ނުރައްކާތެރި ވިހަ ހިރަފުހާއި ގޭސްތަކުގެ ސަބަބުން މިހާތަނަށް 10,000 ވަރަކަށް ނިއު ޔޯކުގެ އާންމުންނަށް ކެންސަރު ބަލި ވަނީ ޖެހިފައެވެ.

މި ހަމަލާއަށްފަހު އެހީތެރިކަން ފޯރުކޮށްދެމުން މިއަދާ ހަމައަށްވެސް އަންނަ އެމެރިކާގެ ދަ ފެޑެރަލް ވޯލްޑް ޓްރޭޑް ސެންޓަރ ހެލްތު ޕްރޮގްރާމުން ވަނީ ހާދިސާ ހިނގި އިރު އެތަނުގައި ތިބި 9,795 ގައިން ކެންސަރު ބަލި ފެނިފައިވާކަމަށް ބުނެފައެވެ. މިހަމަލާގައި 1700 ފަސްޓު ރެސްޕޮންސް ޓީމުގެ މީހުންނާއި އެހެނިހެން މީހުން ވަނި މަރުވެފައެވެ. އޭގެތެރެއިން 420 މަރަކީ ކެންސަރު ބަލީގެ ސަބަބުން ވެފައިވާ މަރުތަކެވެ.

9/11 އަދިވެސް މީހުން މަރުވަމުން އަންނަކަމަށް އެ ކާރިސާގެ ފަސްޓް ރެސްޕޮންޑަރުންގެ އެޑްވޮކޭޓެއް ކަމަށްވާ ޖޮން ފީލް ވަނީ ބުނެފައެވެ. އެ ކާރިސާއިން ސަލާމަތްވި މީހުންނާއި ކާރިސާގައި ފުރަތަމަ އެހީ ދިނުމުގައި ހަރަކާތްތެރިވި މީހުންނާއި ބަތަލުން މަރުވަމުން، މަދުވަމުންދާ ކަމާ މެދު ހިތާމަ ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

2013 ވަނަ އަހަރު ފެޑެރަލް ޕްރޮގްރާމްއިން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަދުވަހާ ގުޅިގެން ބަލިޖެހިފައިވާ މީހުން ރިކޯޑު ކުރަން ފެށިފަހުން ކެންސަރު ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

9/11ގެ ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވި ފުރަތަމަ އެހީދޭ ފަރާތްތަކާއި ރެސްކިއު ޓީމުތަކުގެ މީހުންގެ ގައިން އެކި ބާވަތްތަކުގެ ކެންސަރު ބަލި ފެނިފައިވާކަމަށް ދިރާސާތަކުން ވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން ޓައިރޮއިޑު ކެންސަރާއި ހަމުގެ ކެންސަރާއި ބްލެޑާ ކެންސަރު އާންމު ކޮށް ފެންނަ އަދަދަށްވުރެ އެ ކާރިސާއިން ސަލާމަތްވުމަށް ހަރަކާތްތެރިވި މީހުންގައިން ފެނިފައިވާކަމަށް މި ދިރާސާތަކުން ވަނީ ދައްކާފައެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހަމަލާތަކަށް މި އަންނަ މަހު 17 އަހަރު ފުރޭއިރު ކާރިސާގެ ސަބަބުން މިއަދާހަމައަށްވެސް ނިއު ޔޯކުގެ ރައްޔިތުންގެ ހިތްތަކުގައިވަނީ ކަޅު ލަތްތަކުން ބިންވަޅުނެގިފައެވެ. އެތައް އާއިލާތަކަކާއި އާންމުންނެއް މިއަދުވެސް އަންނަނީ ގެއްލިގެންދިޔަ އަޚުންނާއި، އުޚުތުންނާއި، މައިންބަފައިންނާއި ލޯބިވެރިންގެ ހަނދާންތައް އާކޮށް ހިތާމަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޅުގަނޑު

    جزاك اللهُ خيرًا ވަގުތް

  2. ސައްދާމް ޙުސައިން

    ތިޔަ އެމެރިކާގެ ވީޑިޔޯ އެނަލިސްޓުން އެކަމު އެއްބަހެއްނުވޭ ތީ އަލްގައިދާގެ ޙަމަލާއެއްކަމަކަށް. ތި ޙާދިސާގެ ވީޑިޔޯތައް މިހާރުވެސް ޔޫޓިއުބްގައި އެބަހުރި އެނަލިސްޓުން ތަފްސީލްކޮސްދެއްވާފަ. ވީމާ ތީ ހަމަ އެމެރިކަގެ ވެރިން ދުނިޔޭގެ ލޮލުގައި އެޅުވި އަނދުނެއް.

  3. ހެހެހިހިހުހު

    ތިވަރުވެސް މަދު

  4. ގޮމާ

    ދިވެހިރާއްޖޭގައި މިހައި ކެންސަރު ގިނަވެގެން އުޅެނީ ކޮންއެއްޗެއް ގޮވައިގެން..

  5. އަޙްމަދު

    އެ ޙާދިޘާއާ ގުޅުން ހުރި؛ އެކަން ވީގޮތް އެނގޭ ހަމަ އެކަކު ވެސް ދުނިޔޭގައި ނުބަހައްޓާނެކަން މާކުރިން ވެސް އެނގޭ. އޭރުން ދުނިޔެ އަށް ޙަޤީޤަތް ހާމަވެދާނެ.