އިސްރާއީލްގެ ސިފައިން ސީރިއާގެ ސިޓީއެއް ކަމަށްވާ އަލެޕޯގެ އެއާޕޯޓަށް ވައިގެ މަގުން ހަމަލާދީފިއެވެ.

ސީރިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލުގެ ވައިގެ ސިފައިން އަލެޕޯގެ އެއާޕޯޓަށް ހަމަލާދީފައިވަނީ ކުއްލި ގޮތަކަށް އެސަރަހައްދަށް އަރައިގެންނެވެ.

މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެއާޕޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބަންދު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހަމަލާއާއި ގުޅިގެން ސީރިއާގެ އެއާ ޑިފެންސް އެކްޓިވޭޓް ކޮށްފައިވީ ނަމަވެސް އެއާޕޯޓަށް ގެއްލުންދިން ފަހުން އިސްރާއީލް ސިފައިން އެސަރަހައްދަށް އަރާފައި ނުވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލް ސިފައިން އެއާޕޯޓަށް ވައިގެ ހަމަލާދޭ މަންޒަރު ދައްކުވައިދޭ ބައެއް ވީޑިއޯތަކާއި ފޮޓޯތަކެއް މީޑިއާގައި ދައުރުވަމުން އަންނައިރު، އެފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނިގެން ދަނީ އެއާޕޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރެވެ.

މިހަމަލާއާއި ގުޅިގެން މިހާތަނަށް އިސްރާއިލް ޑިފެންސުން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ސީރިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގެ އެތެރޭގެ ތަންތަނަށް އަމާޒުކޮށް އެތައް ސަތޭކަ ހަމަލާއެއް ދީފައިވާއިރު، އޭގެ ތެރޭގައި ޑަމަސްކަސް އާއި އަލެއްޕޯގެ އެއާޕޯޓްތައް ހިމެނެއެވެ.