މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ދުނިޔޭގެ ހުރިހާ ހިސާބުތަކެއް ވެސް މިއަދު މުސްލިމުން ރޯދަ ހިފަން ފަށާފައި ވާއިރު މި ރޯދަ މަސް އަބޫދާބީއަށް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މުސްލިމް އެސްޓްރޮނޯޓަކަށް ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތެއްގައި މިހާރު އަބޫދާބީގެ މުސްލިމް އެސްޓްރޮނޯޓަކު ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަންގައި ހުރުމެވެ.

ސުލްޠާލް އަލްނެޔާދީ މާޗް 03 ވަނަ ދުވަހު ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ދިޔައީ ހަމަސް ދުވަހުގެ މިޝަންއެއްގައެވެ. އޭނާ އެނބުރި ދުނިޔެއަށް އަންނާނީ ހަމަސް ފަހުންނެވެ. އެހެންކަމުން ރަމަޟާން މަހާއި ފިތުރު އީދާއި އަޟްހާ އީދު ވެސް އޭނާ ފާހަގަ ކުރާނީ ޖައްވީ ސްޓޭޝަންގައި ހުރެއެވެ.

ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަނަކީ ގަޑިއަކު 17000 މޭލުގެ ބާރު މިނުގައި ދުނިޔެ ވަށައި ދަތުރު ކުރަމުންދާ ސްޓޭޝަނެކެކެވެ. އެހެންކަމުން ދުނިޔެ އަށް 24 ގަޑިއިރު ވާއިރު އެ ސްޓޭޝަނަށް 16 ފަހަރަށް އިރު އަރައި އޮއްސެއެވެ.

މުސްލިމުން ރޯދައަށް ތިބެނީ ފަޖުރުލުމަށް ފަހު އިރުއޮއްސުމާއި ދެމެދުގައި ކަމަށް ވުމުން ޖައްވީ ސްޓޭޝަންގައި ހުންނަ މީހަކަށް އެއުސޫލަށް ތަބާވެ ރޯދަ ހިފުން އޮންނާނީ ދަތި ކަމަކަށް ވެފައެވެ. ޖައްވީ ސްޓޭޝަނަށް މިހާތަނަށް ގޮސްފައި ވަނީ މަދު އަދަދެއްގެ މުސްލިމުން ކަމަށް ވީނަމަވެސް އިސްލާމީ އިލްމުވެރިން ޖައްވުގައި ރޯދަ ހިފުމާއި ގުޅޭ ގޮތުން ވާހަކަދައްކަވައި، ދިރާސާތައް ކުރައްވާފައި ވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުލްޠާން ބުނީ ރޯދަ ހިފަން ޖެހެނީ ރޯދަ ހިފުމުގެ ގާބިލްކަން ހުންނަ ހާލަތުގައި ކަމަށާއި، އޭނާ ޖައްވުގައި ހުންނައިރު ކާން ޖެހޭ އެއްޗެއްސަށް ބަލާފައި ރޯދަ ހިފޭނެ ކަމާއިމެދު އޭރު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް ޖައްވުގައި ވެސް ރޯދަ ހިފިދާނެ ކަމަށާއި އެއީ ޖައްވީ ސްޓޭޝަންގައި ގަޑި ބަލާ މިންގަނޑު ކަމަށްވާ ގްރީންވިޗް މީން ޓައިމް ނުވަތަ ކޯޑިނޭޓެޑް ޔުނިވާސަލް ޓައިމް އަށް ބަލައިގެން ކަމަށެވެ. ގިނަ އިލްމުވެރިން ވެސް ލަފާ ދެއްވާފައި ވަނީ ޖައްވީ ސްޓޭޝަންގައި ބޭނުން ކުރާ ގަޑިއަށް ބަލައިގެން ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ރޯދަ އަށް ތިބޭ އެވްރެޖް ގަޑީގައި ޖައްވީ ސްޓޭޝަންގައި ރޯދައަށް ހުންނަން ކަމަށް ސުލްޠާން ބުނެފައި ވެއެވެ. ސުލްޠާން ޖައްވުގައި ހުރެ ރޯދަ ހިފާނަމަ ރޯދަ ހިފާނީ އެއުސޫލުންނެވެ.

ޖައްވުގައި ނަމާދު ކުރުމާއި ގުޅޭ ގޮތުން 2007 ވަނަ އަހަރު މެލޭޝިއާގެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފައި ވެއެވެ. އެއީ ފުރަތަމަ ޖައްވީ ސްޓޭޝަނަށް ދިޔަ މުސްލިމް އެސްޓްރޮނޯޓް ކަމަށްވާ މެލޭޝިއާގެ ޝެއިހް ޝުކުރުގެ ދަތުރާއި ގުޅިގެންނެވެ. މެލޭޝިއާގެ ފަތުވާ މަޖިލީހުން ނިންމާފައި ވަނީ ޖައްވުގައި ހުންނައިރު ނަމާދުގެ ހަރަކާތްތައް ރަނގަޅަށް ނުކުރެވޭނަމަ ހިތުން ނަމާދު ކުރެވިދާނެ ކަމަށެވެ.

ނަމަވެސް ޖައްވުގައި ދީނީ އަޅުކަންތައް އަދާކުރުމާއި ގުޅޭ ގޮތުން އިލްމުވެރިންގެ މެދުގައި ވެސް ހިލާފުތަކެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަޟީ

    ބިން ބާޒުގެ ބަހަކީ ކޮބާ. އެއީ ހަމަ އެކަނި ބަހަކީ