ޔޫކްރޭނާއި ރަޝިއާ އިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބްރެޒިލުން އާޕްލޭނެއް ހުށަހަޅައިފިއެވެ. ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްހާ އާއި ހަވާލާދީ އެގައުމުގެ ފޮރިން މިނިސްޓްރީން ބުނީ ޕީސް ކްލަބެއް މެދުވެރިކޮށް ސުލްހަ ގާއިމު ކުރުމުގެ މަސައްކަތް ފެށިދާނެ ކަމަށެވެ.

ލޫލާ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޔޫކްރޭން ވެސް ބައިވެރި ކޮށްގެން ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް ޕީސް ކްލަބެއް އުފައްދައިގެން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެއެވެ. އެ ޕީސް ކްލަބްގައި ބްރެޒިލަށް ވެސް ދައުރެއް އަދާކުރެވިދާނެ ކަމަށް ލޫލާ ވިދާޅުވެއެވެ. ލޫލާ ވިދާޅުވާ ގޮތުގައި މިވަގުތު އޮތް އެންމެ މުހިއްމު ކަމަކީ ހަނގުރާމަ ހުއްޓާލުމަށް ޗައިނާ އިން ހުށަހެޅި 12 ނުކުތާގެ މައްޗަށް އެކުލެވޭ ކަރުދާހުގައި ހިމެނޭ ކަންކަމާއި ރަޝިއާ އިން ވެސް އަދި ޔޫކްރޭނުން ވެސް މަޝްވަރާ ކުރުމެވެ.

"އަހަރެމެންނަށް މިއިވަނީ ހަނގުރާމަ، ހަނގުރާމަ، ހަނގުރާމަ، އޭގެ ބަދަލުގައި ސުލްހައިގެ ވާހަކަތައް ގިނަ ކުރަންވީ. ހަނގުރާމައިގެ ވާހަކަތައް މަދު ކުރަންވީ." ލޫލާ ވިދާޅުވިއެވެ.

ރަޝިއާ، ޔޫކްރޭން މައްސަލައަށް ހައްލެއް ހޯދުމަށް ލޫލާގެ ފަރާތްޕުޅުން އާޕްލޭނެއް ހުށަހެޅިއިރު ލޫލާ މިހަފްތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލު ކުރައްވާނެއެވެ. މިބައްދަލު ކުރެއްވުމުގައި ރަޝިއާ، ޔޫކްރޭން މައްސަލަ ހައްލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އާއި ޔޫކްރޭންގެ މައްސަލަ އަށް ޗައިނާ އިން ހުށަހެޅި ކަންކަމަށް ޖުމްލަ ގޮތެއްގައި ޔޫކްރޭނާއި ރަޝިއާ އިން ވެސް ތާއިދު ކުރެއެވެ. ނަމަވެސް އެމެރިކާ އިން ބުނެފައިވާ ގޮތުގައި ޗައިނާގެ ހުށަހެޅުމަކީ ރަޝިއާ އަށް "ޓެކްޓިކަލް ފައިދާތަކެއް" ހޯދައި ދިނުމުގެ ބޭނުމުގައި ޗައިނާ އިން ހުށަހެޅި ކަންތައްތަކެކެވެ.

ރަޝިއާ އާއި ޗައިނާ ވެސް ތުހުމަތު ކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ހަނގުރާމަ އިތުރަށް ދިގު ދެމިގެންދާނެ ކަންތައްތައް ކުރުމަށެވެ.