ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ތަގުރީރުތައް މީގެ ކުރިން ލިޔެދިން މީހެއް ކަމަށްވާ އައްބާސް ގެލްޔަމޯވް ހޯދުމުގެ މަސައްކަތް ރަޝިއާގެ ފުލުހުން ފަށައިފިއެވެ. ގެލްޔަމޯވް އަކީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ދެމެދު ޕޫޓިންގެ ތަގުރީރުތައް ލިޔެދިން މީހެކެވެ.

ރަޝިއާ ފުލުހުން ބުނާ ގޮތުގައި ގެލްޔަމޯވް ހޯދަން ފަށާފައި ވަނީ އޭނާ ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ދައްކާފައިވާ ވާހަކައަކާއި ގުޅިގެން އެމައްސަލަ ބެލުމަށެވެ. ފާއިތުވި އަހަރުތަކުގައި ގެލްޔަމޯވް ދިރިއުޅެމުން އަންނަނީ ރަޝިއާ އިން ބޭރުގައެވެ. އޭނާ މިހާރު ހުރި ގައުމެއް ނޭނގެއެވެ.

އުމުރުން 50 އަހަރުގެ ގެލްޔަމޯވް ޕޫޓިންގެ ތަގުރީރުތައް ލިޔުމުގެ ވަޒީފާ އިން ވަކިވިފަހުން ސިޔާސީ ކަންކަމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އަދި އެނަލިސްޓެއްގެ ގޮތުގައި ރަޝިއާ އާއި ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ. މިހާރު ވެސް ދޭތެރެ ދޭތެރެއިން އެކި މީޑިއާތަކަށް އޭނާ އިންޓަވިއުތައް ދެއެވެ.

ހުކުރު ދުވަހު އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ގެލްޔަމޯވް ބުނީ ރަޝިއާ ސަރުކާރުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓަށް އޭނާގެ ނަން އަރުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ރަޝިއާގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އޭނާ އާއި އެއްވެސް ކޮންޓެކްޓެއް ކޮށްފައި ނުވާ ކަމަށެވެ. "އެެހެންވެ އަހަރެންނަކަށް ނޭނގޭ އަހަރެން ހޯދަމުން ދަނީ ކޮން މައްސަލައެއްގައި ކަމެއް. އަދި އަހަރެންގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ވެސް ނޭނގޭ." ގެލްޔަމޯވް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގެލްޔަމޯވްގެ މައްޗަށް ކުރާ ތުހުމަތަކީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ކުރާ ހަނގުރާމަ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް ގެލްޔަމޯވް ވާހަކަ ދެއްކުމުގެ ތުހުމަތެވެ. ރަޝިއާގައި މިދިޔަ އަހަރު ފާސް ކުރި ގާނޫނެއް ބުނާ ގޮތުން ރަޝިއާއަށް އިހްތިރާމް ކުޑަވާގޮތައް އެއްވެސް ވާހަކައެއް ދެއްކުމަކީ ޖިނާއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު