ފަލަސްތީނުގެ ރައްޔިތުންގެ މަސްދޯނިތައް ހަލާކު ކޮށްލުމުގެ މަސައްކަތް އިސްރާއީލުގެ ކަނޑުގެ ސިފައިން ފަށައިފިއެވެ.

އިސްރާއީލް ސިފައިން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމަށް ދަތިވާނެ ހުރިހާ ކަމެއް ކުރަމުންނެވެ. އެގޮތުން ފަލަސްތީނުގެ ދަނޑުވެރިން ހައްދާ ގޮވާންތައް ހަލާކު ކުރުމާއި ދަނޑުތައް ހަލާކު ކުރުމުގެ މަސައްކަތާއި ފިހާރަތަކަށް ގެއްލުން ދިނުން ހިމެނެއެވެ.

މިފަދަ ކަންތައްތައް ފަލަސްތީނުގެ ރައްޔިތުންނަށް ދަތިވާނެހެން އިސްރާއީލް ސިފައިން ކުރަމުން އަންނައިރު، މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަނީ އިސްރާއީލް ކަނޑުގެ ސިފައިންގެ އުޅަނދަކުން ފަލަސްތީނުގެ މަސް ދޯނިތަކަށް ނައްތާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

ވީޑިއޯއިން ފަލަސްތީނުގެ ކުދި މަސްދޯނިތައް ފެންނައިރު، އެދޯނިތައް ކައިރީގައި އިސްރާއީލް ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް ހަރަކާތްތެރިވެއެވެ.

ވީޑިއޯ އާންމުވުމާއި އެކީ ޣައްޒާގެ މީޑިއާތަކުން ބުނެފައިވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަމުން ދަނީ އެދޯނިތައް އަޑިއަށް ފޮނުވާލުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައިވާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިސްރާއީލް ސިފައިން އަޑިއަށް ފޮނުވާލަން މަސައްކަތް ކޮށްފައިވަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދުގައި މަސް ބާނަން ތިބި ދޯނިތަކެވެ.

އިސްރާއީލުން ވަނީ މިއަހަރުގެ ފެށުނު ފަހުން ފަލަސްތީނުގެ 90 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފަލަސްތީނުގެ މީހުން ޝަހީދު ކުރުމުގެ އިތުރުން ވެސް އެމީހުން ދިރިއުޅެމުން އަންނަ ގެތައް ސުންނާފަތި ކުރުމާއި ވެހިކަލްތައް ސުންނާފަތި ކުރުމުގެ މަސައްކަތް ވެސް އިސްރާއީލް ސިފައިން ކޮންމެ ދުވަހަކު ކުރަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަސދަސދަސދ

    މުޅި ދުނިޔެ ބަލަހައްޓައިގެން ތިއްބާ ގައުމެއް ނައްތާލައި ނަސްލެއްވެސް ނައްތާލަނީ.
    ދިވެހި ރާއްޖެ ހަރުއަޑުން ފަލަސްތީނާއި އެއްކޮށް އެބަތިބީމެ ބުންޏަސް އެކަމުގައި އިޚްލާސްތެރިކަމެއް ނެތް. އދ ގެ ޖެނެރަލްއެސެމްބްލީ ރައީސަކަށް ދިވެއްސަކު ހުރެމެ ކުރިޔަށް ނެރުނު ރަސްމީ ބަޔާނެއް ނެތް، ރަސްމީ ހައިސިއްޔަތުން ފައުޅުގައި އެކަމާއި ނުރުހުންވެ ކުރެވުނު ކަމެއް ނެތް.
    ހީލަތްތެރިކަމެއްގެ ތެރެިން އެހެން ކިޔާލަ ކިޔާލާ ތިބެނީ ބަޔަކު ރުއްސަން.

    16