ބުރުގާ އަޅައިގެން އުޅޭ މުސްލިމް އަންހެނަކު އެމެރިކާގައި ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކޮށްފިއެވެ. މީގެ ކުރިން ވެސް އެމެރިކާގެ ކޯޓުތަކަށް މުސްލިމް ފަނޑިޔާރުން އައްޔަން ކޮށްފައި ވެއެވެ. ނަމަވެސް ބުރުގާ އަޅައިގެން އުޅޭ މުސްލިމް އަންހެނަކު މީގެ ކުރިން ކޯޓެއްގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިއުޖާޒީގެ ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ނާދިއާ ކަހްފް ނަމަކަށް ކިޔާ ބޭކަނބެލެކެވެ. ނާދިއާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ.

ނާދިއާ އަކީ ސީރިއާ ދަރިކޮޅުގެ ބޭކަނބަލެކެވެ. ނާދިއާ ފަނޑިޔާރު ކަމުގެ ހުވާ މިދިޔަ ބުރާސްފަތި ދުވަހު ކުރިއިރު އޭނާގެ އަތުގައި ކީރިތި ޤުރުއާން ވެސް އޮތެވެ.

ނާދިއާ ފަނޑިޔާރުގެ މަގާމަށް ނޮމިނޭޓް ކުރީ ނިއުޖާޒީގެ ގަވަރުނަރު ފިލިޕް މާފީ މީގެ އަހަރެއްހައި ދުވަސް ކުރިންނެވެ. ފަނޑިޔާރުގެ މަގާމަށް ނާދިއާ އައްޔަން ކުރުމުގެ މަރުހަލާތައް ފުރިހަމަ ކުރަން އަހަރެއްހައި ދުވަސް ހޭދަވިއެވެ.

ނާދިއާ އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ނިއުޖާޒީގެ އެމެރިކަން އިސްލާމިކް ރިލޭޝަން ކައުންސިލްގައި މަސައްކަތް ކުރަމުންނެވެ. އޭނާ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމާއި ހަމައަށް ހުރީ އެކައުންސިލްގެ ޗެއާވްމެންގެ މަގާމުގައެވެ.

އޭގެ އިތުރުން ނާދިއާ އަކީ ގެވެށި އަނިޔާ ލިބޭ މީހުންނަށާއި އިޖުތިމާއީ ހިދުމަތް ކުރާ މީހުންނަށް ހިލޭ ސާބަހަށް ގާނޫނީ ވަކީލުންގެ ހިދުމަތް ފޯރުކޮށްދޭ ވަފާ ހައުސްގެ ވެސް މެންބަރެކެވެ. އަދި ޕެސިކް ކައުންޓީގެ އިސްލާކިމް ސެންޓަރުގެ ޗެއާވްމެންގެ މަގާމު ވެސް އަދާކުރަމުން ގެންދަނީ ނާދިއާއެވެ.

ނާދިއާގެ އާއިލާގެ ގިނަ މެންބަރުންނަކީ ވެސް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު