ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ތަންފީޒު ކުރަން ތައްޔާރުވަމުންދާ ޕެންޝަން ރިފޯމް ސިޔާސަތާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފްރާންސް ރައްޔިތުންނާއި ދެކޮޅަށް އެގައުމުގެ ފުލުހުން ބާރުގެ ބޭނުން ކުރުމުން ގިނަ ބަޔަކަށް އަނިޔާ ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕެރިހުގެ ހުޅަނގުގައި އޮންނަ ސައިންޓް ސޮލައިން ނަމަކަށް ކިޔާ ސަރަހައްދުގައި އިއްޔެ ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން އަނިޔާވި އާއްމުންގެ އަދަދު 200 އަށް އަރައެވެ. އަދި އާއްމުން ފުލުހުންނާއި ކުރިމަތިލުމުން ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ތެރެއިން ވެސް 24 މީހަކަށް އަނިޔާ ވެގެން ފަރުވާ ދެމުންދާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބާރުގެ ބޭނުން ކޮށްގެން ފުލުހުން ރޫޅާލީ ފެން ރައްކާކުރާ ފެސިލިޓީއެއް ކައިރީ ކުރިއަށް ދިޔަ މުޒާހަރާއެކެވެ. އެމުޒާހަރާގައި 30000 މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.

ފްރާންސްގެ ރައީސް މެކްރޯން ނިންމާފައި ވަނީ ފްރާންސްގެ ރިޓަޔާމެންޓް އުމުރުގެ ގޮތުގައި މިހާރު އޮންނަ 62 އަހަރު 64 އަހަރަށް ބަދަލު ކުރާށެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ އެނިންމުމާއި ދެކޮޅު ހަދަމުންނެވެ. މިމައްސަލަ ހޫނުވަމުންދާ ގޮތައް ބަލާއިރު މެކްރޯންގެ ނިންމުން ބަދަލު ނުކޮށްފިނަމަ ފްރާންސްގެ ސަރުކާރު ވެސް ވެއްޓިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

ރިޓަޔާމެންޓް އުމުރު ބަދަލު ކުރަން ގާނޫނު ހަދާ މަޖިލީހުން ރުހުން ނުލިބުމުން މެކްރޯން މިހާރު ނިންމާފައި ވަނީ ގާނޫނު އަސާސީ އިން އޭނާ އަށް ލިބިފައިވާ ބާރުގެ ދަށުން ގާނޫނު ހަދާ މަޖިލީހުގެ ރުހުން ނެތި ރިޓަޔާމަންޓް އުމުރު ބަދަލު ކުރާށެވެ.

ރިޓަޔާމަންޓް އުމުރު ބަދަލު ކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ގެންދަނީ އާއްމު ދަތުރުފަތުރުގެ ނިޒާމްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ކުނި އުކުމުގެ މަސައްކަތުގައި އުޅޭ މީހުންނެވެ. ފްރާންސްގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގައި އެތައް ހާސް ބަޔަކު އަންނަނީ ކޮންމެ ދުވަހަކު ވެސް ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ލާދީނީމީހާ މިރާއްޖެއަށް ގެންނަން އުޅެނީ ފްރާންސްގައި އޮންނަ ކަހަލަ ލާދީނީ ޑިމޮކްރެސީއެއް. ރައްޔިތުން ކަތިލާ ޑިމޮކްރެސީއެއް. ގޮށްމުށުގެ ބާރުން ވެރިކަންކުރާ ޑިމޮކްރެސީއެއް.

    • ޖުހާ.

      މިތާއުޅޭ ދީނީ ލިބާސްލީ މީހުން ލާދީނީ މީހުނަށްވުރެ މާނުބައި. މިތާގަ މިހާރު އޮތީ ވައްހާބީންގެ ދީން.

      1
      1