އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކޮށްފައިވާ ޝަރުއީ ދާއިރާ އޯވަހޯލް ކުރުމުގެ ސިޔާސަތާއި ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލްގެ އެންމެ ބޮޑު ޔޫނިއަން އިން މިއަދު ފެށި މަސައްކަތްތެރިންގެ ހަޅުތާލުު ނިންމާލައިފިއެވެ.

މި ހަޅުތާލު ނިންލާފައި ވަނީ އިސްރާއީލްގެ ޝަރުއީ ދާއިރާ އޯވަހޯލް ކުރުން ފަސް ކުރަން ނިންމާފައިވާކަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އިސްރާއީލްގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަން އިން އޮތީ އިހްތިޖާޖު ފެށުމާއިއެކު އިސްރާއީލްގެ ހޮސްޕިޓަލްތަކާއި، އާއްމު ދަތުރުފަތުރުގެ ނިޒާމް ވެސް ހުއްޓުމަކަށް އައެވެ.

މަސައްކަތްތެރިންގެ ހަޅުތާލު ނިންމާލިކަން މަސައްކަތްތެރިންގެ ޔޫނިއަން އިން އިއުލާން ކުރި ނަމަވެސް ބައެއް ޔޫނިއަންތަކާއި އަދި އިސްރާއީލްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ވަނީ އެމީހުންގެ މުޒާހަރާ އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެކަން އިއުލާން ކޮށްފައެވެ.

މުޒާހަރާ ލީޑް ކުރާ އެއް ލީޑަރު ކަމަށްވާ ޑރ.ޝިކްމާ ބްރެސެލާ ބުނީ ނަތަންޔާހޫ އާއި އޭނާގެ ހުދުމުހުތާރު ކޯލިޝަނާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާ އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. "ބޮޑުވަޒީރާއި އޭނާގެ ހުދުމުހުތާރު ކޯލިޝަންގެ ބައިވެރިންގެ ވިސްނުން އަދިވެސް ހުރީ ހުދުމުހުތާރު ގާނޫނު ގެންނަން. އެއީ އިސްރާއީލްގެ ގައުމީ ސަލާމަތާއި އަދި އިގުތިސޯދަށް ވެސް އޮތް ނުރައްކަލެއް. އެހެންކަމުން މުޒާހަރާ ކުރިއަށް ގެންދާނަން." ޑރ.ޝިކްމާ ބުންޏެވެ.

ޝަރުއީ ދާއިރާ އޯވަހޯލް ކުރުމުގެ ބިލް މަޑުޖައްސާލަން ނަތަންޔާހޫ ނިންމިއިރު މިއަދު އިސްރާއީލްގެ ގާނޫނު ހަދާ މަޖިލިސް ކައިރިއަށް ވަނީ ލައްކައަކަށްވުރެ ގިނަ މީހުން އެއްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު