އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ މިސްރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

މިސްރަށް އުފަން ހެބާ އަލް-ޤަބާނީ ނިޔާވެފައިވަނީ ރޯދަ މަހުގެ ތިން ވަނަ ދުވަހު އުމްރާގެ އަޅުކަން ފުރިހަމަ ކުރަމުން ދަނިކޮށެވެ.

ސައުދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ރޯދަ ހިފައިގެން އުމްރާގެ އަޅުކަން އަދާ ކުރަމުން ދަނިކޮށް، ވަރުބަލިވެ، ހާޓްއެޓޭކެއް ޖެހިގެންނެވެ.

ކައުބަތުﷲ ގެފުޅު ކުރިމަތީގައި ހުއްޓާ ނިޔާވި، ހެބާ ވަނީ އޭނާ މައްކާގައި ވަޅުލުމަށް އެދިފައެވެ. އޭނާ އެދުނު ގޮތަށް ވަޅުލާފައިވަނީ އަލް-ބަޤީ ގަބުރުސްތާނުގައި ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭނާގެ ކަށު ނަމާދުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

ހެބާގެ ފަސް ކުދިން ތިބޭއިރު، އެ ހުރިހާ ކުދިން ވެސް އުމްރާގެ އަޅުކަން އަދާ ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އުމްރާގެ އަޅުކަން ކުރަމުން ދަނިކޮށް ހެބާ ނިޔާވެފައިވާއިރު، ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާގެ މަންމަ ވެސް ނިޔާވެފައިވަނީ ރަމަޟާން މަހެއްގައި އުމްރާގެ އަޅުކަން އަދާ ކުރަމުން ދަނިކޮށް މައްކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މުވައްޙިދުން މަރަން ގެންދާ އަނދަވަޅަކަށް މައްކާގެ މާތް ބިން ހަދާލީ ޔަމަނުގެ މުސްލިނުން ހަނާކުރަމުންދާ ސައުދީގެ މުރުތައްދު ކިންގު އެވެ.

    7
    5