އިޓަލީވިލާތުގެ ރަސްމީ އިދާރާތަކުން ކުރާ މުއާމަލާތްތަކުގައި އިޓަލީބަސް ފިޔަވައި އެހެން ބަސްތައް ހާއްސަކޮށް އިނގިރޭސި ބަސް ބޭނުން ކުރާނަމަ އެއްލައްކަ ޔޫރޯ (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރެވޭ ގޮތައް ގާނޫނެއް ފާސް ކުރަން ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އިޓަލީވިލާތުގެ ވެރިކަން ކުރާ ޖޯޖިއާ މެލޮނީގެ ބްރަދާސް ޕާޓީން ހުށަހެޅި ބިލަށް ބޮޑުވަޒީރުގެ ތާއީދު ވެސް އެބައޮތެވެ.

ބިލް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ ރަސްމީ ލިޔެކިޔުންތަކާއި ރަސްމީ ބައްދަލުވުންތަކުގައި އިޓަލީ ބަހުގެ ބަދަލުގައި އިނގިރޭސި ބަސް ބޭނުން ކުރަން ފެށުމުން އިޓަލީ ބަސްތައް ގެއްލި، ބަހުގެ ހަމަތައް ހަނދާން ނެތި އޮޅުންބޮޅުން ވެގެން ދިއުމެވެ.

މިބިލްގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ އެއްވެސް އެޑްމިނިސްޓްރޭޝަން ވަޒީފާއެއް އަދާކުރާ މީހެއް ނަމަ އެމީހަކީ އިޓަލީ ބަހުން ރަނގަޅަށް ލިޔަންށާއި ކިޔަން އެނގޭ މީހެއްކަން ކަށަވަރު ކުރަން ޖެހޭނެއެވެ.

ބިލްގައި ހިމެނޭ މުހިއްމު އެހެން ކަންތައްތަކަށް ބަލާއިރު އިޓަލީވިލާތުގެ ރައްޔިތުން އަމަލު ކުރަން ކުރަން ޖެހޭ ހުރިހާ ގާނޫނަކާއި ގަވައިދަކާއި އަދި އުސޫލެއް ވެސް އާއްމު ކުރަން ޖެހޭނީ އިޓަލީ ބަހުން ކަމަށް މިބިލްގައި ބުނެފައި ވެއެވެ. އަދި މުވައްޒަފުންގެ މެދުގައި ހަދާ ވަޒީފާގެ އެއްބަސްވުން ވެސް އޮންނަން ޖެހޭނީ އިޓަލީ ބަހުން ކަމަށް ބިލްގައި ބުނެފައި ވެއެވެ. އޭގެ އިތުރުން ކޮންމެހެން ބޭރުގެ ބަހަކުން ލިޔުމެއް ތައްޔާރު ކުރަން ޖެހުނަސް އެލިޔުމެއްގެ އިޓަލީ ބަހުގެ ތަރުޖަމާއެއް އޮންނަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައި ވެއެވެ.

ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި އަދި އިސްތިހާރުތަކުގައި އިޓަލީ ބަސް ބޭނުން ކުރާއިރު ހަދާފައި ހުންނަ ގޯސްތައް ރަނގަޅު ކޮށްދިނުމަށް ކަލްޗާ މިނިސްޓްރީގައި ކޮމެޓީއެއް އޮންނަން ޖެހޭނެ ކަމަށް ވެސް މިބިލްގައި ބުނެފައި ވެއެވެ.

އިޓަލީ ބަހުގެ ދިފާއުގައި އެގައުމުން ގާނޫނެއް ފާސްކުރަން މަސައްކަތް ފަށާފައި ވާއިރު ދުނިޔޭގައި މިހާރު ބޭނުން ކުރަމުން އަންނަ ވަރަށް ގިނަ ބަސްތައް ކުރިއަށް އޮތް 100 އަހަރު ތެރޭގައި އެއްކޮށް އުވިގެން ދާނެ ކަމަށް އދ.އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަވިއަނި

    ދިވެހި ބަހުގެ އެކެޑަމީ ، މި ގެނެސްދޭ ޕްރޮގްރާމް ،
    މާދަމާ އޮންނަ އީވެންޓް ……ދިވެހި ސަރުކާރު ޚަބަރު ތައް ހުންނަގޮތް

    13
  2. ާހާނި

    ވަރައް ރަނގަޅު. މިތާގަ ހެދީ ދިވެހި ބަހުގެ އެކަޑަމީ. ޢެކަޑަމީ އަކީ ދިވެހިބަހެއްބާ؟ ގައުމުގެ އަމިއްލަވަންތަކަން ގެއްލި ބަސް އުވެމުންދަނީ .ވ ހިތާމަ ހުރި

    17
  3. ލިޔަންށާއި

    ޜާއްޖޭގަވެސް ތިކަހަލަ ފިޔަވަޅެއް އަޅަންވެއްޖެ.

  4. އަހަންމަދު

    ދިވެހި ރާއްޖެއާ އިޓަލީ އާ ވަރަށް ތަފާތު.
    ވަޒީފާގެ އެއްބަސްވުންވެސް އިޓަލީގަ ތިހަދާނީ މުވައްޒަފުންގެ މެދުގަ. ހާދަ ޑިމޮކްރެޓިކޭ! ޜާއްޖޭގަ ޑިމޮކްރެސީ ފައްކާވާއިރުވެސް ތިކަހަލަ މިނިވަން ކަމެއް މުވައްޒަފުނަނަކަށް ނުލިބޭ.ހާދަ ތަފާތޭ.