އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމުން ނިއުޔޯކްގައި ހިނގާފާނެ ހަމަނުޖެހުންތަކަކަށް ނިއުޔޯކްގެ ފުލުހުން ތައްޔާރުވާން ފަށައިފިއެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަންގާރަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ހައްޔަރު ކުރާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ހައްޔަރު ކުރުމާއިއެކު ހިނގާފާނެ ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން ޓްރަމްޕް ޓަވަރު ހުންނަ ސަރަހައްދުގެ މަގުތަކާއި އަދި ޓްރަމްޕް ހާޒިރު ކުރާނެ ކޯޓު ކަމަށްވާ މެންހެޓަން ކްރިމިނަލް ކޯޓުހައުސް ކައިރި ބަންދު ކުރަން މިހާރު ނިއުޔޯކްގެ ފުލުހުން ވަނީ އެސަރަހައްދުތަކަށް ދަގަނޑު ބެރިކޭޑްތައް ގެންދަން ފަށާފައެވެ. ޓްރަމްޕް ހައްޔަރު ކުރަން ވަގުތު ކުޑަތަން ވުމުން ދަގަނޑު ބެރިކޭޑްތަކުން ގިނަ މަގުތަކެއް ބަންދު ކުރާނެ ކަމަށް ބެލެވެއެވެ.

އަންގާރަ ދުވަހު ޓްރަމްޕް ކޯޓަށް ހާޒިރު ކުރަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއިއެކު ޓްރަމްޕް ބޭއްވި ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައެވެ. ކޯޓަށް ހާޒިރުކޮށް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތައް މާދަމާ އިއްވާނެއެވެ. އެއަށްފަހު ޓްރަމްޕް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ނެރޭނެ ކަމަށް ބެލެވެއެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސްއެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ. އަދި އެމެރިކާގެ ކުރީގެ ރައީސަކު ހައްޔަރު ކުރާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ހައްޔަރު ކުރަން އުޅޭތީ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރާނެކަން ރިޕަބްލިކަން ޕާޓީން ވެސް ވަނީ އިއުލާން ކޮށްފައެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ބައެއް ސެނެޓް މެންބަރުން ވެސް ވަނީ މާދަމާ ނިއުޔޯކަށް ވަޑައިގެން މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވާނެ ކަން އިއުލާން ކޮށްފައެވެ.

ޓްރަމްޕް ބުނާ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާ އެކެވެ. އެއީ އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ޑިމޮކްރަޓިކް ޕާޓީގެ ޕްރޮސެކިއުޓަރުން ކުރާ ކަމެއް ކަމަށް ބުނެ ޓްރަމްޕް ވަނީ އެމެރިކާގެ ޕްރޮސެކިއުޓަރުންނާއި އަދި ޝަރުއީ ދާއިރާއަށް ވެސް ފާޑުކިޔާފައެވެ.

ބަރަހަނާ ފިލްމް ކުޅޭ އަންހެން މީހާގެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު 2021 ޖަނަވަރީ 06 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް މައްސަލައިގައި ވެސް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލަން ޑިމޮކްރަޓިކުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު