އިންޑިއާގެ ޗައްޓީސްގަރުގެ ކަބިރުދަމް ޑިސްޓްރިކްޓްގައި ދިރިއުޅެމުން ދިޔަ މީހަކު އޭނަގެ ކުރީގެ ލޯބިވެރިޔާއަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ބޮމެއް ދީފިއެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ މީޑީޔާތަކުން ރިޕޯޓްކުރާ ގޮތުގައި އަލަށް ކައިވެނިކުރި ދެމަފިރިއެއްގެ ގޭގެ ސިޓިންރޫމުގައި ބޮމެއް ގޮއްވާލި ކަމަށް ޝައްކުކުރެވެނީ އުމުރުން 33 އަހަރުގެ ސަރްޖޫ މާކަމް ނަމަކަށް ކިޔާ މީހަކަށެވެ. އޭނާއަކީ ކައިވެނިކުރި އަންހެންމީހާގެ ކުރީގެ ލޯބިވެރިޔާއެވެ.

މިކަން ހިނގާފައި ވަނީ ކައިވެނީގެ ހަދިޔާތައް ކަޑަންވެގެން ފިރިހެންމީހާ އާއި އޭނަގެ ބޭބެ ވަރަށް އުފަލުން ތިއްބައެވެ. ކައިރީގައި އާއިލާގެ އެހެން މެންބަރުންވެސް ތިބިކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ. ބޮން އިން ފޮށިގަނޑު ކަނޑާލުމާއެކު އެބޮން ގޮވާފައިވާއިރު، ހަމަ އެ ވަގުތު ކައިވެނިކުރި ފިރިހެންމީހާ ވަނީ މަރުވެފައެވެ. އަދި އޭނަގެ ބޭބެ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ބޮމެއް ގޮއްވާލި ހާދިސާގައި ދެމީހަކު މަރުވެ ދޮޅު އަހަރުގެ ކުއްޖެއްގެ އިތުރުން އާއިލާގެ ހަތް މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. ކައިވެނީގެ ހަދިޔާއެއް ކަމަށް ބުނެ ބޮމެއް ގޮއްވާލައިގެން ފިރިމީހާއާއި އޭނާގެ ބޭބެ މަރުވިތާ އެއް ދުވަސް ފަހުން ފުލުހުން ވަނީ އަންހެންމީހާގެ ކުރީގެ ލޯބިވެރިޔާ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ކަބިރުދަމް ހަދިޔާއެއްގެ ގޮތުގައި ދިން ހޯމް ތިއޭޓަރުގައި ބޮމެއް ހަރުކޮށް، ގޮއްވާލި ސަރްޖޫ މާކަމްއަކީ ކައިވެނިކޮށްގެން ދެ ކުދިން ތިބި މީހެއް ކަމަށެވެ. އޭނާ ހިފަހައްޓާފައި ވަނީ އަންގާރަ ދުވަހު ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ އެމްޕީގެ ބާލަގަތުންނެވެ.

2020 ވަނަ އަހަރުން ފެށިގެން މާކަމް އާއި އަންހެންމީހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އޭރުވެސް މާކަމް އުޅުނީ މީހަކާ އިނދެގެން ކަމަށް ފުލުހުންގެ ތަހުޤީގަށް ވަނީ އެނގިފައެވެ. މާކަމްއަކީ މީހެއްގެ ފިރިއެއްކަން އެނގުމުން އަންހެންމީހާ އޭނާ އާއި ގުޅުން ކަނޑާލުމުންވެސް މާކަމް ދިޔައީ އޭނައާއި ކައިވެނި ކުރުމަށް އަންހެންމީހާއަށް ބިރު ދައްކަމުންނެވެ.

ޖެނުއަރީ 2018 ގައި ވަޒީފާއިން ވަކިކުރި ޕޯސްޓް މުވައްޒަފަކު އެމްޕީގެ ސާގަރުގައި ވަކި އަމާޒެއްނެތި ދިން ބޮމުގެ ހަމަލާއެއްގައި ބަޔަކު މަރުވިއިރު، ހަމަ އެއަހަރު އޮޑިޝާގެ ޕަޓްނަގަރުގައި ފިރިމީހާ އާއި އޭނާގެ ކާފަ މަރުވީ ޕާރުސަލް ކޮށްފައި އޮތް ބޮމެއް ގޮވައިގެންނެވެ. މި މައްސަލައިގައި ކުރީގެ ކޮލެޖް ޕްރިންސިޕަލަކު ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    މައި ކައިންޑް ބަޑީ

    6
    3
  2. އިންޑިއަންސް

    ޓެރަރިސްޓެކޭ ނުބުނީ ކީއްވެބާ؟ މުސްލިމް ނަމެއް ކީ ނަމަ ބުނާނީ ޓެރަރިސްޓެކޭ

    14