ފަލަސްތީން ރައްޔިތުން އަޤުޞާ މިސްކިތުގައި ފަތިސް ނަމާދު ކުރަން އިސްރާއީލްގެ ފުލުހުން ރޭ ފަތިހު ހުރަސް އަޅައިފިއެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި ފަލަސްތީން މީހުން ރޭ ފަތިސް ނަމާދަށް އަޤުޞާ މިސްކިތައް ވަންނަން އިސްރާއީލް ސިފައިން ހުރަސް އަޅައި، މިސްކިތް ބަންދު ކުރިއެވެ. މިސްކިތައް ނުވަދެވުމުން ރޭ ފަތިސް ނަމާދު ކުރަން ޖެހުނީ މިސްކިތުގެ ގޯތިތެރޭގައެވެ. އިސްރާއީލް ސިފައިން ތިބީ މުސްލިމުންނަށް އަޤުޞާ މިސްކިތައް ނުވަދެވޭނެހެން ސަފުތަކަށް އެތުރިގެންނެވެ.

އިސްރައީލް ސިފައިންގެ ހުރަސް އެޅުންތަކާއި ގުޅިގެން ރޭ ފަތިސް ނަމާދަށް އަޤުޞާ މިސްކިތައް ނުވަދެވުނު ނަމަވެސް ފަލަސްތީންގެ އެތައް ސަތޭކަ ބަޔަކު ވަނީ މިސްކިތުގެ ގޯތިތެރޭގައި ތިބެ ރޭ ވެސް ފަތިސް ނަމާދު ކޮށްފައެވެ.

އިސްރާއީލް ފުލުހުން ރޭ ފަތިސް ނަމާދު ވަގުތު މުސްލިމުންނަށް ހުރަސް އެޅި ނަމަވެސް މިއަދު ހެނދުނު އިސްރާއީލް ފުލުހުންގެ ހިމާޔަތުގައި ޔަހޫދީންގެ ބަޔަކު ވަނީ އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކޮށްފައެވެ.

އިއްޔެ ރޭ އިސްރާއީލް ސިފައިން އަޤުޞާ މިސްކިތުގެ އެތެރޭގައި އެތައް ބަޔަކަށް ހަމަލާދީ، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް މިސްކިތުގެ ހުރުމަތް ކެނޑުމުން ފަލަސްތީނާއި އިސްރާއީލްގެ މަސްރަހު ވަނީ ހޫނުވެފައެވެ. އިސްރާއީލް ސިފައިންގެ ޖަރީމާ އާއި ގުޅިގެން ފަލަސްތީންގެ ޣައްޒާ އިން އަންނަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ވެސް ދެމުންނެވެ.

އިސްރާއީލުން އަޤުޞާ މިސްކިތުގައި އިއްޔެ ރޭ ހިންގި ޖަރީމާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ޖަރީމާ އާއި ގުޅިގެން މިއަދު އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ތާވަލް ކޮށްފައެވެ. އެބައްދަލުވުން ބާއްވަން ހުށަހެޅީ ޔޫއޭއީ އިންނާއި ޗައިނާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކިހާ ބޮޑު ބަލާވެރިކަމެއް މި އާލާތްތާ ހެދި. މާތް ﷲ އެ ޔަހޫދީންގެ މައްޗަށް ވަރުގަދަ ބަލާ މުޞީބާތެއް ފޮނުއްވާށި. އާމީން

    19
    • ޝެހޭ

      امين يارب العالمين

      11