އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާގެ ކުރީގެ ގާނޫނީ ވަކީލް މައިކަލް ކޯހެންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޓްރަމްޕް ބުނި ގޮތުގައި ކޯހެން ވަނީ ވަކީލެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް އޭނާގެ ކްލަޔަންޓްގެ މަސްލަހަތު އިސްނުކޮށްފައެވެ. އެކަމުގެ ބަދަލުގައި ކޯހެން އޭނާއަށް 500 މިލިއަން ޑޮލަރު ދޭން ޖެހޭނެކަމަށް ޓްރަމްޕް ދައުވާ ކުރިއެވެ.

ޓްރަމްޕްއާ ދެކޮޅަށް ނިއު ޔޯކްގައި ހިންގި ޖިނާއީ ތަހުގީގުގެ އެންމެ މުހިއްމު އެއް ހެކިވެރިޔަކީ ކޯހެންއެވެ.

މި ދައުވާއާ ގުޅޭ ގޮތުން ކޯހެންގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު، ޑޭނީ ލެރިސް ވިދާޅުވީ ކޯހެންގެ މައްޗަށް އުފުލާފައިވާ ދައުވާއިން އޭނާ ބަރީއަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޯހެން ވަނީ ޓްރަމްޕްގެ ވަކީލެއްގެ ގޮތުގައި 10 ވަރަކަށް އަހަރުވަންދެން މަސައްކަތްކޮށްފައެވެ. އޭނާއަކީ ޓްރަމްޕް އޯގަނައިޒޭޝަންގެ ކުރީގެ ނައިބު ރައީސްވެސް މެއެވެ.

2018 ވަނަ އަހަރު ކޯހެންގެ މައްޗަށް ވަނީ މަކަރާއި ހީލަތާއި ކެމްޕޭން ފައިނޭންސް ނުގަވާއިދުން ބޭނުންކުރުމުގެ ދައުވާއަށް އިއުތިރާފުވުމުން ތިން އަހަރުގެ ޖަލު ހުކުމަކާއި ޖޫރިމަނާ ހުކުމެއް އިއްވިފައިއެވެ. ޖަލުން މިނިވަންވުމާއެކު، އޭނާ ވެގެންދިޔައީ ޓްރަމްޕްއާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔާ މީހަކަށެވެ. އޭނާ ވަނީ ޓްރަމްޕްއާ ޚިލާފުވާ ފަދަ ވާހަކަތައް އެކި ޕްރޮގްރާމްތަކާއި ޕޮޑްކާސްޓްތަކުގައި ދައްކާފައެވެ. އަދި އޭނާ ލިޔުނު ފޮތެއްގައިވެސް ޓްރަމްޕްއާ\ ދެކޮޅަށް ކެމްޕެއިންކޮށްފައިވެއެވެ.

ޓްރަމްޕްގެ ދައުވާއާ ބެހޭގޮތުން ލެރިސް ބުނީ ޓްރަމްޕް މިވަގުތު އެ މަސައްކަތް ކުރަނީ ދައުލަތުގެ ވަކީލުންނަށް އެއްބާރުލުންދޭ ހެކިވެރިންނަށް ބިރުދައްކަވަން ކަމަށެވެ.

ޓްރަމްޕްއާއި ބަރަހަނާ ފިލްމް ކުޅޭ ތަރި ސްޓޯމީ ޑެނިއަލްސް އާއި ގުޅުމެއް އޮތް ކަމަށް މީޑިއާތަކުގައި ފެންމަތިވުމާއި ގުޅިގެން ޓްރަމްޕްގެ ވަކީލުން ވަނީ އެކަމާއި ގުޅިގެން ވާހަކަ ދައްކައި ނުހެދުމަށް އޭނާއަށް 130،000 އެމެރިކާ ޑޮލަރު ވެސް ދީފައެވެ. ނަމަވެސް ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މިކަން މިވަނީ ފެންމަތިވެފައެވެ.

ޓްރަމްޕްގެ މައްޗަށް ކުރަނީ 130،000 ޑޮލަރު އަންހެން މީހާއަށް ދިނުމަށްފަހު އެކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުބެލެހެއްޓުމުގެ ކުށުގެ ތުހުމަތެވެ.

މީގެ އިތުރަށްވެސް ޓްރަމްޕްގެ މައްޗަށް އެހެނިހެން ދައުވާތައްވެސް އުފުލާފައިވެއެވެ. ސީއެންއެން އިން ބުނާ ގޮތުގައި ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް މެންހެޓަންގެ ކޯޓެއްގެ ގްރާންޑް ޖޫރީ ބެލިއިރު 30 އަށް ވުރެ ގިނަ ތުހުމަތު އެބައޮތެވެ. އެއީ މާލީ އޮޅުވާލުންތަކާއި، ސިއްރުތަކާއި ގުޅޭ މައްސަލަތައް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު