ސްރީ ލަންކާގައި ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް އެސިޑް ހަމަލާއެއް ދީފިއެވެ.

ބުލަތްސިންހަޅަ ފުލުހުން ބުނީ އަންހެން ދަރިފުޅުގެ ގަޔަށް އެސިޑް ހަމަލާއެއް ދޭން އުޅުމުގެ ތެރޭގައި ލިބުނު ހަމަލާއަކާއި އުމުރުން 52 އަހަރުގެ ފިރިހެނަކު އޭނާގެ އަންހެން ދަރިފުޅާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަންވެސް ވަނީ ފިހިފައެެވެ.

ލަންކަންދީޕާ ބުނި ގޮތުގައި އެ ފިރިހެން މީހާއަކީ ވަރަށް ބޮޑަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ އަންހެން ދަރިފުޅާއި ދެ ކުދިންގެ މަންމައަކާއި އާއިލާގެ އެހެން މެމްބަރުންނަށް އަބަދުވެސް އަނިޔާކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

އެސިޑް ހަމަލާގެ ސަބަބުން ފިހުނު 25 އަހަރުގެ އަންހެން ދަރިފުޅު ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އޭނާއަށް ލިބުނު ޒަހަމްތައް ސީރިއަސް ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅޭ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ ރަބަރު ފެކްޓްރީއެއްގެ މުވައްޒަފެކެވެ. އަދި އޭނާ އާއިލާއަށް ހަމަލާ ދިނުމަށް އެ ފެކްޓްރީން އެސިޑް ވަގަށް ނެގި ކަމަށް ބެލެވޭ ކަމަށްވެސް ތަހުގީގަށް އެނގިފައި ވެއެވެ.