ކެނެޑާގެ އެއާޕޯޓަކަށް އެއާކާގޯގައި ގެނައި އެތައް މިލިއަން ޑޮލަރެއްގެ ރަނާއި، އަގުހުރި މުދާތަކެއް ގެއްލިއްޖެއެވެ. ކެނެޑާ ފުލުހުން ބުނާ ގޮތުގައި ގެއްލުނު ތަކެތީގެ އަގު 15 މިލިއަން ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާއިރު ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ) އަށް އަރައެވެ.

ފުލުހުން ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ޓޮރޮންޓޯ ޕާސަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައި ރަނާއި، އަގުހުރި މުދާ ހުރި ކޮންޓޭނާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެ ކޮންޓޭނާ ވަގަށް ނަގައިގެން ގެންދިޔަ ބަޔަކު އެކަން ކުރީ އެއާޕޯޓްގެ ސެކިއުރިޓީއަށް ހިލަމެއް ވެސް ނުވާ ގޮތަށެވެ.

"ކާގޯ ގެނައި ފްލައިޓް އެއާޕޯޓަށް ޖެއްސީ ހަވީރު. ފްލައިޓުން ކާގޯ ބާލައިގެން އާއްމު އުސޫލުން ކާގޯ ހޯލްޑިން ފެސިލިޓީއަށް ގެންދެވުނުކަން ކަށަވަރު ކުރެވޭ. ނަމަވެސް ދެން ވީގޮތެއް ނޭނގޭ." ފުލުހުންގެ އިނިސްޕެކްޓަރ ސްޓީވަން މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން ކާގޯ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ފުލުހުން ވަގުތުން ތަހްގީގު ފެށިކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި ގެއްލުނު މުދަލުގެ އަސްލު އަގު މުޅިން ކަށަވަރު ނުވި ނަމަވެސް އޭގެ އަގު 14.8 މިލިއަން ޑޮލަރަށް އަރާނެކަން ކަށަވަރު ކުރެވެއެވެ.

"ރަނާއިއެކު އަގު ހުރި މުދާތަކެއް ވަނީ ގެއްލިފައި. ފުލުހުންގެ ތަހްގީގު މިހާރު ވެސް ކުރިއަށް އެބަދޭ." ފުލުހުން ބުންޏެވެ.

ހޯމަ ދުވަހު ގެއްލުނު ކޮންޓޭނާގެ ތަހްގީގު ކުރިއަށް ދިޔަ ނަމަވެސް ހުކުރު ދުވަހާއި ހަމައަށް ވެސް މައްސަލައިގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކު ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

އެއާޕޯޓްތަކަކީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ތަންތަން ނަމަވެސް އެއާޕޯޓްތަކުން ބޮޑެތި ވައްކަން ކުރުމަކީ މީގެ ކުރިން ވެސް ހިނގާ ކަމެކެވެ. 1990 ވަނަ އަހަރު ވެސް ކެނެޑާގެ އެއާޕޯޓަކުން 13 މިލިއަން ޑޮލަރުގެ ރަން ވަގަށް ނަގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހަރި

    އަނެއްކާ ޔާންޓޭ ހުރީ ޖަލުގަތޯ ބަލާލަބަލަl

    5
    5
  2. ހަނަފީ

    ރާއްޖޭ އެއާޕޯޓުން ގެއްލުނު ޑްރަގު ފޮށީފަވެސް 15 މިލިޔަން ޑޮލަރުގެ ސާމާނު ހުރިކަމަށްވަނީ