ޖަޕާނުގެ އެއާޕޯޓެއްގައި ދެ މަތިންދާ ބޯޓެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގައި ޓެކްސީވޭއެއް ކައިރީގައި ދެ މަތިންދާ ބޯޓެއް ޖެހިގެން އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ބައެއް ފްލައިޓްތައް ވަނީ ޑިލޭ ވެފައެވެ.

އެންއެޗްކޭއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެއާޕޯޓުގެ ހަތަރު ރަންވޭގެ ތެރެއިން އެއް ރަންވޭ ބަންދު ކުރަން ޖެހުނު ކަމަށް ވަނީ ބުނެފައެވެ.

އެކްސިޑެންޓް ވެފައި ވަނީ އީވާ އެއާވޭސް އާއި ތައި އެއާވޭސްގެ މަތިންދާ ބޯޓެކެެވެ.

މި އެކްސިޑެންޓާއި ގުޅިގެން އެ މިނިސްޓްރީން އެއްޗެއް ހާމަކޮށްފައި ނުވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.