ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އިންޑިއާ އިން މަސައްކަތް ކުރާނީ އެމެރިކާއާ އެކުގައި ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު، މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ޑިމޮކްރަސީ އާއި ގާނޫނު ނެގެހެއްޓުމާއި އިންސާނީ ހައްގުތަކަށް ހިމާޔަތް ކުރަން އޮތް ނުރައްކަލެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯއި ބައިޑަންއާ އެކުގައި ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މޯދީ ވިދާޅުވީ އެމެރިކާ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރަނީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރުގެ ހަރަކާތްތަކާ ދެކޮޅަށް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ދެ ގައުމު އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާ އާއި އެމެރިކާ އިން ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނީ ކޮނޑާއި ކޮނޑު ޖައްސައިގެން. ނިރުބަވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެ ގައުމު ވާނީ އެއްބަސްވެފައި،" މޯދީ ވިދާޅުވިއެވެ.

މޯދީ އެގޮތަށް ވިދާޅުވި އިރު، ނޮވެމްބަރު 2008 ގައި އިންޑިއާގެ މުމްބާއީގައި ދިން ނިރުބަވެރި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ޕާކިސްތާނުގެ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރް-އީ ތައްޔިބާގެ މެމްބަރެއް ކަމަށްވާ ސާޖިދު މިރް މިހާތަނަށް އައިއިރު، އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ.

"ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީ އޮތް ދެ ގައުމު ކަމަށްވާ އިންޑިއާ އާއި އެމެރިކާ އިން މަސައްކަތްކޮށްގެން ދުނިޔޭގައި ސުލްހަ އާއި މަސްލަސްކަން ގާއިމު ކުރެވޭނެ. މަސައްކަތްކޮށްފި ނަމަ، ދުނިޔޭގެ އެދުންތައް ފުރިހަމަކޮށް ދެވޭނެ ކަން ގާބިލްކަން އެބަހުރި،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިންޑިއާއާ އެކުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އާ ސަފްހާއެއް ހުޅުވިގެން ދާނެއެވެ. އަދި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ދެ ގައުމަށް އާ ހިތްވަރަކާއި ބުންވަރެއް ލިބިފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވި ގޮތުގައި އިންޑިއާ އާއި އެމެރިކާ ގުޅިގެން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިރު، އެކަމުގެ ސަބަބުން ފައިދާ ވާނީ ހަމައެކަނި ދެ ގައުމަށް ނޫން ކަމަށެވެ. އެކަމުގެ ފައިދާ މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ އިންޑިއާގެ ބެންގަލޫރުގައި އާއި އަހުމަދުއާބާދުގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވަން ނިންމުމާ ގުޅިގެން އެކަމަށް ވެސް މަރުހަބާ ދަންނަވައިފައެވެ. މޯދީ ވިދާޅުވީ މިކަމުގެ ސަބަބުން މުސްތަގުބަލްގައި އިތުރު ފުރުސަތުތައް ވެސް ފަހިވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟާހާ

    މިދެވެރިންގެ އަރިހުގައި ނިރުބަވެރިން ގޮތުގައި މުސްލިމުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ހަމަ ކޮންމެ މީހަކީ ވެދާނެ؟ ހިންދޫ އާރު.އެސް.އެސް. ޖަމާޢަތް ނިރުބަވެރި ޖަމާޢަތް ތެރޭގައި ހިމެނުމަށް މުސްލިމު ހުރިހާ އުމަކުންމަސައްކަތް ކުރަންޖެހެއެވެ.

    • ޢަހުމަދުވަގާރު

      ކޮންބައެއް ބަ މިސްކިތް ގޮއްވަނީ

  2. އަލީ

    ނިރުބަވެރިންނަކީ ކަލޭމެނެއްނު! ދެން ކޯޗެކޭ ތިކިޔަނީ.. ކޮނޑާ ކޮނޑު ޖައްސައިގެން ކަލޭމެން އެއްމެ ފަރިތަވާނީ ވިއްސާރަދުނި ކުޅި ކުޅެން