އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައި ކާރަކުން ޖައްސައި ބަޔަކު ޒަހަމްކޮށްލައިފިއެވެ.

ޓައިމްސް އޮފް އިސްރާއީލުން ބުނާ ގޮތުގައި ބަސް ސްޓޮޕެއްގައި ތިބި ބައެއްގެ ގައިގަ ކާރަކުން ޖެއްސުމުން މަދުވެގެން ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އެނޫހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އަލްޖަޒީރާ އިން ބުނީ ކާރަކުން ޖެއްސުމުން ދިހަ މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ބަސް އަންނަންދެން މަޑު ކޮށްގެން ތިބި މީހުންގެ ތެރެއަށް ބާރު ސްޕީޑްގައި ކާރެއް ގޮސް ވަދެގަތުމުން ކާރު ދުއްވަން އިން މީހާގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. ކާރު ދުއްވަން އިން މީހާ ވަނީ މިހާރު މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޑި ޖެހީ ފުލުހުން ކަމެއް ނުވަތަ އިސްރާއީލްގެ އާއްމުންގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކާރު ދުއްވަން އިން މީހާގެ މައުލޫމާތެއް އަދި އިސްރައީލްގެ ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ތެލްއަވީވްގައި ކާރަކުން ޖައްސައި ބަޔަކު ޒަހަމްކޮށްލި ހާދިސާ އަކީ އިސްރާއީލުން މިހާރު ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގަމުން ގެންދާ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކުރިކަމެއް ކަމަށް ހަމާސް ޖަމާއަތުގެ ލީޑަރު މުޝީރު އަލް-މަސްރީ ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ އަލް-އަޤުޞާ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަމަވެސް ތެލްއަވީވްގައި ދިން ހަމަލާގެ ޒިންމާ ހަމާސް ޖަމާއަތަކުން އަދި ނުއުފުލާއެވެ.

އިއްޔެ ރޭ މެންދަމުން ފެށިގެން އިސްރާއީލްގެ ހާހަކަށްވުރެ ގިނަ ސިފައިން އަންނަނީ ހުޅަނގު އައްސޭރީގެ ޖެނިންއަށް ބަރު ހަތިޔާރާއިއެކު ވަދެގަނެ، ޖެނިންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަދު

    އަރަބި މަހުޖަނު ގައުމުތައް ކޮބައިތަ؟ ރައްޔިތުންގެ ތެލުގެ ފައިސާއިން އެމެރިކާއާ އިޒުރޭލަށް ޚަރަދުކޮށްކޮށް ތިބޭ މުނާފިގުންތައް...