އިންޑިއާ އިން އުފައްދާ ހަނޑޫ އެ ގައުމުން ބޭރަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުން، ދުނިޔޭގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ބިރުވެރިކަން އުފެދިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ގައުމުގައި ކާބޯތަކެތީގެ އަގު އުފުލުން ދަށް ކުރުމަށްޓަކައި އިންޑިއާއިން މިހާރު ނިންމާފައިވަނީ ބާސްމަތީ ހަނޑޫ ނޫން އެހެނިހެން ހަނޑުލުގެ ބާވަތްތައް އެކްސްޕޯޓް ނުކުރުމަށެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި މިވަގުތު ރަޝިޔާއާއި ޔޫކްރެއިންއާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ގޮވާމުގެ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މުޅި ދުނިޔެއަށް އިންފްލޭޝަންގެ އަސަރު ކުރުން އެކަށީގެންވެއެވެ.

އިންޑިއާއިން ހަނޑޫ ބޭރުކުރުން މަނާކޮށްފައިވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ކުރި ގަދަ ވިއްސާރައިގައި ގޮވާމުގެ ބާވަތްތަކުގެ އުފެއްދުމަށް އަސަރުކޮށްފައިވަނިކޮށެވެ. އޭރު އެ ގައުމުން ވަނީ ބޭރުން އެތެރެކުރާ އިމްޕޯޓްތަކަށް އޮންނަ ޑިމާންޑް ދަށްކުރުމަށް 20 އިންސައްތަ ޑިއުޓީ އިތުރުކޮށްފައިއެވެ.

ދުނިޔޭގެ އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ޤައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާއަކީ ދުނިޔޭގެ ޝިޕްމަންޓްތަކުގެ %40 އަށްވުރެ ގިނަ ހަނޑޫ އެކްސްޕޯޓްކުރާ ގައުމެކެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ކޮންޒިއުމާ އެފެއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން އިން ވިދާޅުވިގޮތުގައި ޖޫން މަހުގައި އެކްސްޕޯޓްތަކުގެ ވިޔަފާރި 30 އިންސައްތަ މައްޗަށް އުފުލުމާއި ގުޅިގެން އިންޑިއާގައި ތަކެތީގެ އަގު 3 އިންސައްތައަށް އުފުލި، މިދިޔަ އަހަރާއި އަޅާ ބަލާއިރު އިންޑިއާގައި ހަނޑުލުގެ އަގު 11.5 އިންސައްތަ އިތުރުވެގެންދިޔަ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ތައާރަފްކުރި މި އެކްސްޕޯޓް އުސޫލުގެ ސަބަބުން "އިންޑިއާގެ ބާޒާރުގައި ބަސްމަތީ ނޫން ހުދު ހަނޑޫ އެކަށީގެންވާ ވަރަށް ލިބި" އިންޑިއާގައި ހަނޑުލުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އެތައް ބިލިއަން ލޯން އެއްނަގައިފިއެވެ. އޭގެ އިން ބޮޑު ބައެއް ކާލައިފި އެވެ. ދެން ދަރަނި ދައްކަން ޖެހޭނީ އާދައިގެ މީހާ އެވެ. ރާއްޖެ އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ.

    20
    2