ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިތުރު ދެހަފްތާއަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

އެޓޮކް ސިޓީގެ ޖަލެއްގެ ގޯތިތެރޭގައި ހުންނަ ހާއްސަ ކޯޓެއްގައި އިއްޔެ ކުރިޔަށް ގެންދިޔަ ޝަރީއަތެއްގައި އިތުރު ދެހަފްތާ އިމްރާން ޚާން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

އިމްރާން ހާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު 100،000 ރުޕީސްއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އިތުރު ހަ މަސް ޖަލުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. މިހުކުމާއެކު އިމްރާން ހާން ހައްޔަރު ކުރެވުނެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމްރާން ޚާންގެ ހުކުމް އިސްލާމްއާބާދުގެ ހައި ކޯޓުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެހެންނަމަވެސް ދެމަހަށް އިމްރާން ޚާން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

އިމްރާންގެ ވަކީލް ސަލްމާން ސަފްދާރު އަލްޖަޒީރާއަށް ވިދާޅުވީ އިމްރާން ހާން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށެވެ.

އިމްރާންގެ ވަކީލުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން އިމްރާންގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވެއެވެ.

އޭގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ލީކުކުރުމާއި ހަރުކަށި މުޒާހަރާތައް ބޭއްވުން ހިމެނެ އެވެ. މި ދައުވާތަކާ ގުޅިގެން ހައްޔަރުކުރުމުގެ ތަފާތު އަމުރެއް ވަނީ ނެރެފައެވެ.

އިމްރާން 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ އޭޕްރީލް އާއި ހަމައަށް ވެރިކަން ކުރިއިރު އޭނާގެ ސަރުކާރުން ވެސް ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ގައުމުން ބޭރަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.

އިމްރާންގެ މައްޗަށް ޕާކިސްތާންގެ ސަރުކާރުން ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އެ މައްސަލަތަކުގައި އިމްރާން ހައްޔަރު ކުރުމުން ޕާކިސްތާންގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

އިމްރާންޚާން ބަންދަށް ދޫކުރެވުނު ނަމަވެސް ޕާކިސްތާނު ދޫކޮށް ފުރައިގެން ދިޔުމާއި އިޔާސީ އެއްވެސް މަޤާމަކަށް ކުރިމަތިލުން އޭނައަށް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާއިމް

    އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެންމެ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭ ޚިޔާނާތާއި ރިޝްވަތުގެ ޢަމަލުތައް ޢާންމުވެފައިވާ ބޮޑު އިސްލާމީ ޤައުމެއްގެ ގޮތުގައި ޕާކިސްތާން ހިމެނޭ. މިކަހަލަ ޤައުމެއްގައި އިންސާފުވެރި ވެރިކަމެއް ނުހިނގާނެ. އެހެންވީމާ؛ އަބަދުވެސް ފެންނާނީ ޤައުމުގެ ވެރިކަން ކުރަން ތިބި މީހުން އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި އަނިޔާ ދެމުން ދާތަން. މިކަމުގެ ސަބަބުން މުޅި ޤައުމުގެ އަމާންކަން ގެއްލި މުޅި ޤައުމުގައި ބޮން ގޮއްވާ ކުށެއްނެތް އެތައް ބަޔަކު މަރަމުން ދިއުމުން އެއްވެސް ރައްޔިތަކަށް ރައްކާތެރި ކަމެއް ޤައުމުގައި ނޯންނާނެ.