ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތިބި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ރުޅިގަދަވެ، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައި 198 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު އެ ގައުމުގެ 1،610 މީހުންނަށް އަނިޔާ ލިބި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.

އިސްރާއީލުން ޣައްޒާ އަށް ބޮން އަޅަނީ..

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ. އަދި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.

ހަމާސްގެ ހަނގުރާމަވެރިންނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އިސްރާއީލްގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކު އަތުލައިގަނެވުމާއި އިސްރާއީލްގެ ޓޭންކާއި އެ ނޫން ވެސް އަސްކަރީ ވެހިކަލްތައް އެމީހުންގެ ބާރުގެ ދަށަށް ގެނެވުމެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި އާންމުވަމުންނެވެ.

ފަލަސްތީން ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ހަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލްގެ ބައެއް އަވަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެމީހުން ބުނެފައި ވަނީ އިސްރާއީލްގެ އަސްކަރިއްޔާގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އެއްގަމު މަގުން އިސްރާއީލް ސިފައިން ޣައްޒާ އަށް އެރި ނަމަވެސް އެމީހުންނާ ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް ހަމާސް އިން ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އިސްރާއީލު ވަނީ ކުއްލި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ބުނެފައެވެ. އެއާ އެކު ދެން ފެނިގެން ގޮސްފައި ވަނީ އިސްރާއީލްގެ އަސްކަރީ ޖެޓްތަކާއި ވައިގެ އުޅަނދުތަކުން ޣައްޒާ އަށް ބޮން އަޅަމުން ދިޔަ ތަނެވެ. މިހާތަނަށް އައިއިރު ޣައްޒާގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.