ޖަޕާންގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން މުޅިން އަލަށް ރަށެއް އުފެދި ފެނުން މައްޗަށް އަރައިފިއެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ ރަށްބޭރުން 1,200 ކިލޯމީޓަރު ދުރުގައި ކަނޑުއަޑީގައިވާ އަލިފާން ފަރުބަދައެއް ގޮވުމާއި ގުޅިގެން ވަނީ ރަށެއް އުފެދިފައެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ އެ ރަށް ވުޖޫދުގައި އެހާ ގިނަ ދުވަހަކު ނޯންނާނެ ކަމަށެވެ. ހުޅަނގު ޕެސިފިކްގައި އޮންނަ ޖަޕާނުގެ އޮގަސަވަރާ ރަށްތައް ކައިރީގައި މިދިޔަ މަހުން ެފެށިގެން އަންނަނީ އެކި ވަރުގެ ކުދި ގޮވުންތައް ގޮވަމުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ގޮވުންތަކުގެ ސަބަބުން ފެނުން މައްޗަށް ގާތްގަނޑަކަށް 100 މީޓަރު ހުންނަ ރަށެއް ވަނީ އުފުލިފައެވެ. އަދި ގޮވުންތައް ނުހުއްޓި ކުރިއަށްދާނަމަ މި ރަށުގެ ސައިޒް ބޮޑުވެ ފެނުން މައްޗަށް އިތުރަށް އުފުލުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނަމަވެސް, މި ކުޑަކުޑަ ރަށް ވެސް އަލުން އެނބުރި ފެނުގެ އަޑިއަށް ދިޔުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ ސަރަހައްދުގައި 1904, 1914 އަދި 1986 ގައި އުފެެދުނު ރަށްތައް މިހާރު ވަނީ ޣަރަގުވެފައެވެ.

ޖަޕާނުގައި 14,125 ޖަޒީރާ ރަށް އޮންނަ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެއެވެ. އަދި ޖަޕާނުގައި ހުންނަ މައުންޓް ފުޖި އަކީ ފާހަގަ ކޮއްލެވޭ އަލިފާން ފަރުބަދައެކެވެ. މީގެ 600،000 އަހަރު ކުރިން ފުޖީ ފަރުބަދަ ފެނިފައިވަނީ ހަރަކާތްތެރި އަލިފާން ފަރުބަދައެއްގެ ގޮތުގައެވެ. މިހާރުވެސް އެ ފަރުބަދަ ގޮވުމުގެ ފުރުސަތު އޮތް ނަމަވެސް 1707 ވަނަ އަހަރުން ފެށިގެން މި ފަރުބަދަ ގޮވާފައެއް ނުވެއެވެ.